ސަރުކާރުގެ އާ ކުންފުނީގެ ފްލެޓްތައް ލިބޭނީ 6000 ރުފިޔާއަށް
އަތްފޯރާފަށުގައި ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓެއްގެ އަގު ހުންނާނީ ގާތްގަނޑަކަށް މަހަކު 6000ރުފިޔާ ދައްކާގޮތަށްކަމަށް އެކުންފުނިން ބުނެފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު ވިދާޅުވީ އެކުންފުނީގެ ފަރާތުން ދޫކުރާނެ ފްލެޓްތަކަކީ ޖާގައިގެ ގޮތުން ތަަނަވަސް އަދި އަގުހެޔޮ ފްލެޓްތަކަށް ވެގެންދާނެކަމަށެވެ. އެގޮތުން 900 އަކަފޫޓުގެ ފްލޯއޭރިޔާއެއް ހުންނަ ފްލެޓެއް ދޫކުރާނީ އެންމެ ގިނަވެގެން 6000ރުފިޔާގެ ކުއްޔަކަށްކަމަށް ސަލްފިއްޔާ ވިދާޅުވިއެވެ.
މި 6000 ރުފިޔާގެ އަދަދަކީ އިންޓްރެސްޓްވެސް ހިމެނޭ އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 5000 ހައުސިންގް ޔުނިޓް ތަރައްގީކުރުމަށްވެސް ނިންމާފައެވެ.
އެކުންފުނީގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއްފުރާޅެއްގެ ދަށުން ހިންގުމާއި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ކުރިމަގުގައި ހިންގާނެ މަޝްރޫޢުތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ. އަދި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުންވެސް ހިމެނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް