އެމްޑީއެންގެ ރިޕޯޓުގެ ތަފްސީލީ އިލްމީ ދިރާސާއެއް ފުލުހުން ކުރަނީ
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ޝާއިއުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ ތަފްސީލީ ދިރާސާއެއް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ހުށައެޅުމާއި ގުޅިގެން މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ގެންގުޅޭ އާންމު އިޖުރާއަތްތަކުގެ ދަށުން ރިޕޯޓުގައި ހުރި ދީނަށް ފުރައްސާރަކޮށްފައިވާ ވާހަކަތައް ތަހުގީގީ ބޭނުމަކަށް ފުލުހުން ދިރާސާކޮށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެގޮތުން މި މައްސަލައާއި ގުޅިގެން ތިން ދީނީ އިލްމުވެރިން މެދުވެރިކޮށް ވަކިވަކިން ރިޕޯޓާއި ގުޅޭ އިލްމީ ދިރާސާއެއް ކުރަމުންދާކަމަށް ފުލުހުން ވަނީ ހާާމަކޮށްފައެވެ.
އެގޮތުން ރިޕޯޓުގައި ހުރި އިސްލާމީ އަގީދާއާއި އިސްލާމީ ޝަރީއަތާއި ޚިލާފު ވާހަކަތަކާއި އިސްލާމްދީނަށް ތައުހީނުކުރުމާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަަމަށް ބެލެވޭ ކޮންޓެންޓްގެ މައްޗަށް އިލްމީ ގޮތެއްގައި ތަފްސީީލީ ދިރާސާ ރިޕޯޓެއް ތައްޔާރުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި މީގެ އިތުރުން އިސްލާމިކް މިނިސްޓްރީންވެސް މި ރިޕޯޓުގެ އިލްމީ ދިރާސާއެއް ފުލުހުންނަށް ހުށައަޅާނެކަމަށް ވަނީ ބުނެފައެވެ.
ފުލުހުން އެ ބަޔާނުގައި އިތުރަށް ވަނީ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވައި، ރައްޔިތުންގެ ނަފުސާއި މުދާ ރައްކާތެރިކުރުމުގައި މި ސާވިސް އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އަރުވާކަމަށް ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް