ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމްގެ ކޯޗް ހައްޔަރުކުރަން އަމުރުނެރެފި
ކުޑަކުދިންތަކަކަށް ޖިންސީ ފުރައްސާރަކުރިކަމަށް ތުހުމަތުކުރެވިފައިވާ ދިވެހިރާއްޖޭގެ ގައުމީ ކްރިކެޓް ޓީމްގެ ކޯޗު ހައްޔަރުކުރުމަށް އަމުރު ނެރެފިއެވެ.
ޕާކިސްތާނަށް ނިސްބަތްވާ އާސިފް ޚާން ހައްޔަރުކުރުމަށް ހައިކޯޓުން އަމުރެއް ނެރެދީފައިވަނީ އޭނާ ހައްޔަރުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ.
ކްރިމިނަލް ކޯޓުން އާސިފް ބަންދުން ދޫކޮށްލުމަށް ނިންމީ، އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރެވުނީ ހައްޔަރުކުރިތާ 24ގަޑިއިރު ފަހުން ކަމުގައިވާތީއެވެ. އެއަށްފަހުވެސް، އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. ނަމަވެސް އެ ކޯޓުން މި އަމުރެއް ނެރެދީފައެއް ނުވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ހުއްޓާ އޭނާ ހައްޔަރުކޮށްފައިވަނީ ހައްޔަރުކޮށްފައިވަނީ 18އަހަރުން ދަށުގެ ކުޑަކުދިންތަކަކަށާއި، 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ކްރިކެޓް ބޯޑުން އަަމަލުކުރި ގޮތާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ އަޑުއުފުލާފައެވެ.
އާސިފް ޚާންގެ މައްސަލައިގައި ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީން ނުރަނގަޅު ނުފޫޒުތަކެއް ފޯރުވާކަމުގެ އަޑުތަކެއް މީގެކުރިން ވަނީ ފެތުރިފައެވެ. މި ތުހުމަތުތައް އެމްބަސީން ވަނީ ދޮގުކޮށްފައެވެ. އާސިފްގެ ޕާސްޕޯޓް މިވަގުތު ވަނީ ހިފަހައްޓާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް