ތައުލީމީ ދާއިރާއަށް މިވަނީ އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައި: ފައިސަލް
ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފަށާފައިވާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި މިއަދު ފެށި 5 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ފައިސަލް ނަސީމު ވަނީ، ތައުލީމީ ދާއިރާގައި ގައުމުތަކުން ހޯދަމުންގެންދާ ކުރިއެރުންތައް ފާހަގަކުރައްވައި، މިފަދަ ގައުމުތަކުގައި ބޭނުންކުރަމުން ގެންދާ ތައުލީމީ މަންހަޖުތައް ދިރާސާކޮށް، ދަރިވަރުންގެ ކުރިއެރުމަށްޓަކައި މިފަދަ މަންހަޖުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
އެގޮތުން މިއަހަރުގެ މާރޗްމަހުގެ ތެރޭގައި އެމަނިކުފާނު ފިންލެންޑަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުން ފެނިވަޑައިގެންނެވި ތައުލީމީ ސިޔާސަތުތަކުން މިސާލު ނަންގަވައިގެން ބައެއް ކަންކަން ހިއްސާކުރައްވާފައި ވެއެވެ.
ތައުލީމީ ދާއިރާގެ ކުރިއެރުމާއި ދަރިވަރުންގެ ވިސްނުން ތަރައްގީކުރުމަށް ހާއްސަ އިސްކަމެއްދީގެން ފިންލެންޑުގައި އެކުލަވާލާފައިވާ ތައުލީމީ މަންހަޖަކީ ތަފާތު ގޮތަކަށް ބައްޓަންކުރެވިފައިވާ މަންހަޖެއްނަމަވެސް، އެމަންހަޖުގެ ސަބަބުން ފިންލެންޑަކީ ދުނިޔޭގެ ފެންވަރުގައި ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ ގައުމަކަށްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު އައްޑޫގައި ފެށި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ތައުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރާ ގައުމީ ފެންވަރުގެ އިތުރުން ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކޮށް، ތައުލީމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކުގެ ހިޔާލާއި ފަންނީ މަޝްވަރާ ހިއްސާކުރުމަށް އެކަށޭނަ މާހައުލެއް ގާއިމްކޮށްދިނުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް