ގައުމީ ސަލާމަތާ ބެހޭ އޮޕަރޭޝަނާ ގުޅޭ ބަޔާން ކެންސަލު ކޮށްފިން: ފުލުހުން
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސިފައިންނާއި ފުލުހުން ގުޅިގެން ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ފެށި ކަން ހާމަކޮށް ނެރުނު ބަޔާން ނަގާ އެ ބަޔާން ކެންސަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ އޮޕަރޭޝަން ފެށީ ފުލުހުންގެ އިންޓެލިޖަންސް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ފެށީ ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ކަމަށް ވެސް ބުންޏެވެ.
މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަ ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ނަމަވެސް ބަޔާން އާންމު ކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެކްސް އިން ވަނީ ނަގާފަ އެވެ. އަދި ފަހުން ފޭސްބުކުން ވެސް ވަނީ އެ ބަޔާން ނަގާފަ އެވެ.
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ އެ ބަޔާން މިހާރު ނަގާފައިވާ ކަމަށެވެ. އަދި ބުނީ ސެންސިޓިވް ތަފްސީލުތައް ޔަގީންކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އެކަން ކަށަވަރުކޮށް އިތުރު މައުލޫމާތު މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް