ޔާމީން ވިދާޅުވި މިނިކާ ބާޒުތައް މަޖިލީހުގެ ތަޅުމުން އެބަފެނޭ: ރާއީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެފައިވާ ''މިނިކާ ބާޒު'' ތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފެންނަމުންދާ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވާ ދައުވާ ސާބިތުވެ، ދުވަސްކޮޅަކަށް ޕާޓީއާ ދުރަށް ވަޑައިގަންނަވަން ޖެހުނު ކަމުގައި ވިޔަސް، ޕާޓީގެ މައްޗަކަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދިނުމަށް ރައީސް ޔާމީން ޕާޓީގެ މެންބަރުންނަށް އިލްތިމާސް ކުރެއްވުމާއި ގުޅިގެން އެކަމަށް އިޝާރާތްކުރައްވައެވެ.
މިއަދު ކުރިޔަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ މަޖިލީހުގެ ތަޅޫމުން ފެނިގެންދަނީ މިނިވަންވެފައިވާ ބަޔަކު މިނިވަންކަމާއި އުފާވެރިކަމުގެ ޝުއޫރު ފާޅުކުރާ މަންޒަރު ކަމަށެވެ.
ރާއީ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އުފާފާޅުކުރާ މެންބަރުންގެ ތެރެއިން ދެ ބޭފުޅަކު މިއަދު ރާއްޖެއިން ބޭރަށް އަރާމުކޮށްލަން ވަޑައިގަތުމާއެކު މަޖިލީހުގައި މިއަދު އުފާފާޅުކުރާ މީހުންގެ ހިތްވަރެއް ނުފެންނާނެ ކަމަށެވެ.
ރާއީ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ރައީސް ކަމަށް އެންމެ އެކަށީގެންވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ކަމަށެވެ.
ރައީސް ޔާމީން ޖަލަށްލުމާއެކު އެމަނިކުފާނު މިނިވަން ކުރުމަށް ގޮވައިލައި، މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެންބަރުން ގެންދަވަނީ އިހުތިޖާޖު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް