ރާއްޖެ އަންނަ މީހުންނާއި ފުރާ މީހުންގެ މައުލޫމާތު ކުރިން އެނގޭނެ ނިޒާމެއް ގާއިމް ކުރަނީ
ރާއްޖެއަށް އަންނަ އަދި ފުރާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ފޯރުކޮށްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާއާ ގުޅިގެން މޯލްޑިވްސް ކަސްޓަމް ސާވިސްއިން ފަށައިފިއެވެ.
ކަސްޓަމުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ "ގްލޯބަލް ޓްރެވަލްސް އެސެސްމަންޓް ސިސްޓަމް" (ޖީޓާސް) ޕްރޮގްރާމްގެ ދަށުން އެ ނިޒާމު ގާއިމު ކުރަނީ އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަންގެ ހާއްސަ އެހީގައެވެ.
މިނިޒާމު ގާއިމް ކުރުމަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ތަޖުރިބާކާރުންގެ ޓީމެއް މި މަހުގެ 17 އިން 25 އަށް ރާއްޖެ އައިސް، ޖީޓާސް ގާއިމްކޮށް، މިނިޒާމް ބޭނުންކުރާނެ ގޮތުގެ ތަމްރީން ދީފައިވާކަމަށެވެ.
އަދި މި ނިޒާމް ގާއިމްކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ފަށާފައިވާ ކަމަށާއި ބައެއް އެއާލައިންތަކުން ފަސިންޖަރުންގެ މައުލޫމާތު ދުރާލާ މިހާރު ހިއްސާ ކުރަމުންދާކަމަށް ބުނެފައިވެއެވެ.
އަދި އެ މަސައްކަތް އަންނަ އަހަރު އެއްކޮށް ނިމޭނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަންނަ އަދި ފުރާ ހުރިހާ ފަސިންޖަރުންގެ މައުލޫމާތު ދުރާލާ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ލިބޭނެ ކަމަސްވެސް ބަޔާނުގައި ވެއެވެ.
ކަސްޓަމުން ބުނިގޮތުގައި އޭގެ ސަބަބުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކަސްޓަމުން ކުރާ މަސައްކަތުގައި ފަސިންޖަރުންގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ނިޒާމު ހަރުދަނާވާނެ އެވެ.
އަދި ހައި ރިސްކް ފަސިންޖަރުން ދުރާލާ ދެނެެގަނެ، އެ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ފާސްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެކަމަށްވެސް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް