ކުޅުންތެރިޔާ ގަޔަށް ހޮނު އަޅަނީ
ކުޅުންތެރިޔާ ގަޔަށް ހޮނު އަޅަނީ
ދުނިޔެ 06 Aug 2026 | 06:05

ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހު ތައިލެންޑުގެ ސުންގައި ގޮލޮކްގައި ހުންނަ ސަންތިޕަޕް ސްޓޭޑިއަމްގައެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ސޮފްވާން އަވޭ ނަމަކަށް ކިޔާ ކުޅުންތެރިއެކެވެ.

ފުލުހުންގެ އިސްވެރިޔާ ތުން ސިރިކުންތު ވިދާޅުވި ގޮތުގައި، ސޮފްވާން ސަލާމަތްކުރުމަށް މެޑިކަލް ޓީމުތަކުން ކުރި މަސައްކަތް ނާކާމިޔާބުވެ، އޭނާ މަރުވީ ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލުގައެވެ.

މި ބިރުވެރި ހާދިސާ ހިނގި ވަގުތު ކެމެރާއަށް ވަނީ ރެކޯޑު ކުރެވިފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ކުޅުންތެރިން ދަނޑުމަތީގައި ހަރަކާތްތެރިވަމުން ދަނިކޮށް ކުއްލިއަކަށް ބާރުގަދަ އަލިގަނޑަކާއެކު ހޮނުއަޅައި، ބާރުގަދަ ގޮވުމެއްގެ އަޑު އިވެއެވެ. މި ހާދިސާ ހިނގުމާއެކު، ސޮފްވާންގެ ޓީމު ކުޅުންތެރިން ވަނީ ވަގުތުން އޭނާގެ ގާތަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކޮށްފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އަނިޔާވި 12 ކުޅުންތެރިންގެ ތެރޭގައި މެލޭޝިއާގެ ކުޅުންތެރިއަކުވެސް ހިމެނެއެވެ. މި އެންމެންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އަމިއްލަ ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ "ގޮލޮކް އެފްއޭ ކަޕް" ގެ މެޗެއްގައެވެ. މިއީ ތައިލެންޑާއި މެލޭޝިއާގެ އެމެޗަރ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. ހާދިސާ ހިނގި ވަގުތު ކުޅެމުންދިޔައީ ސޭމްކޯލްޓްސް އާއި އަބޫ އެކްސް ނޮންގް ސިރިންގެ މެޗެވެ. ސޮފްވާން އަކީ ސޭމްކޯލްޓްސްގެ ވިންގަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ދާދި ފަހުން ވަނީ ތައިލެންޑުގެ ތިންވަނަ ޑިވިޜަންގެ ކްލަބެއް ކަމަށްވާ "ޔަލާ އެފްސީ" އަށް ސޮއިކޮށްފައެވެ.

ޔަލާ އެފްސީން ވަނީ ސޮފްވާންގެ މަރުގެ ހަބަރާއެކު އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ތައިލެންޑަކީ ހޮނުއެޅުމުގެ ހާދިސާތައް ގިނައިން ހިނގާ ގައުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2020 އާއި 2024 އާ ދެމެދު އެގައުމުގައި ހޮނުއެޅުމުގެ އަސަރު 283 މީހުންނަށް ކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އެ ވަގުތު މަރުވެފައެވެ.

މީގެ އިތުރުން ހަމަ މި ހަފްތާގައި އިންޑިއާގެ ޖާރްކަންޑް ސްޓޭޓަށް ހޮނުއެޅުމުގެ ސަބަބުންވެސް 14 މީހަކު ވަނީ މަރުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް