ލަންކާގެ ރެޒިޑެންޓް ވިސާ ހޯދުމުގައި ލުއިފަސޭހަ ހޯދުމަށް ވާހަކަދައްކާނަން: ޝާހިދު
ސްރީލަންކާއަށް ދިއުމަށްޓަކައި އަލަށް ރެޒިޑެންޓް ވިސާ ނަގަން ޖެހޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ އާ އުސޫލުގެ ދަށުން ދިވެހިންނަށް ލުއިފަސޭހަ ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެން އުުޅުއްވާ މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މާދަމާ އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި އެގައުމުގެ އެހެނިހެން އިސްވެރިންނާއި ބައްދަލުކުރައްވާނެކަމަށެވެ.
ޓްވިޓަރ މެދުވެރިކޮށް މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ ރެޒިޑެންޓް ވިސާގެ އުސޫލުތަކަށް ގެނައި ބަދަލުތަކާއި އެހެނިހެން މައްސަލަތަކާއި މެދު ވާހަކަފުޅު ދައްކަވާނެކަމަށެވެ.
އަދި މި މައްސަލަތަކަށް ދޭދޭ ގައުމުގެ ސަރުކާރުތަކާއި ރައްޔިތުންގެ އިތުބާރުގެ މައްޗަށް ބިނާކޮށް ހައްލުވާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާާނު ވިދާޅުވިއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ސްރީލަންކާގައި ރެޒިޑެންސް ވިސާގައި އަލަށް ތިއްބަވަން ބޭނުންފުުޅުވާ ފަރާތްތަކުން، ރާއްޖޭގައި ހުންނަ ސްރީލަންކާގެ އެމްބަސީ މެދުވެރިކޮށް އެގައުމަށް ދިއުމުގެ ކުރިން ވިސާ ނަގަން ޖެހޭނެ ކަމަށެވެ.
ނަމަވެސް މި އުސޫލު އެގައުމުގައި މިވަގުުތު ރެޒިޑެންސް ވިސާގައި ތިއްބެވި ފަރާތްތަކުގެ މައްޗަށް ނުހިނގާނެކަމަށް މިއުވާން ފާހަގަކުރެއްވިއެވެ. އެގޮތުން ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން، ކޮޅުނބުގައި ހުރެގެން ވިސާގެ މުއްދަތު އިތުރުކުރެވޭނެއެވެ.
ރެޒިޑެންސް ވިސާގެ މި އުސޫލު ހަރުދަނާކޮށްފައިވަނީ އެގައުމުގައި މިވަގުތު އުފެދިފައިވާ ހާލަތާއި ގުޅިގެންނެވެ.
މި އުސޫލު ރާއްޖެ ފިޔަވައި އެހެނިހެން ގައުމުތަކަށްވެސް އެގައުމުން ވަނީ ކަނޑައަޅާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް