އަޅުގަނޑުގެ ވާހަކަ ދެއްކިޔަސް ވާނެކަމެއް ނޯންނާނެ: ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި މެދު ހިތްހަމަނުޖެހިގެން ވާހަކަދެއްކި ކަމުގައިވިޔަސް އެކަމާއި މެދު ވާނެކަމެއް ނޯންނާނެކަމަށް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންނާއި އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގެ އޯޑިޔޯ ކްލިޕެއް ސަންގުޓީވީން ވަނީ އާންމުކޮށްފައެެވެ.
އެ އޯޑިޔޯ ކްލިޕްގައި މިނިސްޓަރ ވިދާޅުވީ ޓްރާންސްޕޯޓުގައި ތިބީ ރަނގަޅަށް މަސައްކަތްކުރާ ބޭފުޅުންނަށްވުރެ މިނިސްޓްރީގައި ތިބީ ވަރަށް ހިތާމަވެރިކޮށް،ދެރަވަރުކޮށް އަދި ދެރަ ފެންވަރުގައި މަސައްކަތްކުރާ ބޭފުޅުންކަމަށެވެ.
"ކޮފީގައި ނުވަތަ އެހެން ތަންތާނގައި ތިއްބަވާ ސްޓާފުން، އަންހެން ބޭފުޅުން ފިރިހެން ބޭފުޅުން އަޅުގަނޑަށް ހިތްހަމަ ނުޖެހިގެން އަޅުގަނޑުގެ މައްސަލައެއް އޮވެގެން ނެތިގެން އެއްޗެހި ކީމަ ނިމުނީއެއް ނޫން. އަޅުގަނޑުގެ ވާހަކަ ހިތްހަމަ ނުޖެހިގެން ކިތަންމެ ވަރަކަށް ދެއްކިޔަސް އަޅުގަނޑަށް ވާނެ ކަމެއް ނޯންނާނެ" ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ކިތަންމެ ގިނަ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ޖެހުނަސް ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި ފަހަރެއްގައިވެސް މަގާމުގައި ހުންނަވަނީ މުސާރައިގެ ބޭނުމުގައިކަމަށް ހީނުކުރުމަށާއި އެކަމަނާއަށް އުނި އެއްވެސް ކަމެއް ނެތްކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑު ބަދަލުކުރަން ޖެހޭ މީހަކު އަޅުގަނޑު ބަދަލު ކުރާނަން. ވަރަށް ސާފުކޮށް މިދަންނަވަނީ"، ގާތްގަނޑަކަށް ތިން މިނެޓުގެ މި ކްލިޕްގައި ނަހުލާ ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި މިފަދަ މޭރުމަކުން މިނިސްޓަރ ނަހުލާ ވާހަކަފުޅު ދައްކަވާފައިވަނީ ޓްރާންސްޕޯޓްގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭ ކަމަށްބުނެ ގިނަ މުވައްޒަފުންތަކެއް ސޮއިކޮށް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށައެޅުމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް