އާސަންދަ ނިޒާމުގައި ކޮރަޕްޝަން އެބަހުރި: ރައީސް ސޯލިހު
ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިލޭ ބޭސްފަރުވާގެ ޚިދުމަތްދޭ އާސަންދައިގެ ތެރެއަށް ކޮރަޕްޝަން ވަދެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހެލްތް މިނިސްޓަރުކަން ކުރައްވާފައިވާ ޢިއްޒަތްތެރިންގެ ސަމިޓް އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިލޭ ބޭސްފަރުވާގެ ޚިދުމަތްދޭ އާސަންދައިގެ ތެރެއަށް ވަދެފައިވާ ކޮރަޕްޝަން ހުއްޓުވުމުގައި ޢާންމު ރައްޔިތުން އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ފަސޭހައިން ވާޞިލުވެވޭ، ފެންވަރު ރަނގަޅު ފުރިހަމަ ޞިއްޙީ ޚިދުމަތުގެ ނިޒާމެއް ތަރައްޤީކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. އެހެން ނަމަވެސް މިކަން ހާސިލްކުރުމަށް ގޮންޖެހުންތަކެއް ހުރިކަން އެމިނކުފާނު ފާހަގަކުރެއްވެވިއެވެ.
އެގޮތުން އެ ހުރިހާ ގޮންޖެހުންތަކެއްގެ އަސްލަކީ، މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން މީގެ ކުރިން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށާއި، ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީކުރަން މަސައްކަތް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.
މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން މި ޤައުމަށް ކޮށްދެއްވި އަގު ނުކުރެވޭ މުހިންމު ޚިދުމަތްތައް ފާހަގަކުރައްވައި، މި ސަރަޙައްދުގެ ޤައުމުތަކާ އަޅައިބަލާއިރު، ޢާންމު ޞިއްޙީ ޚިދުމަތްތަކުގައި ރާއްޖެ ކުރިއަރައި ދިޔައީ، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، އެ ބޭފުޅުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ވަރަށް ޙާއްޞަ ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް