މަހާޒުއާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވައިފި
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރުމަށް މަހާޒު އަލީ ޒާހިރާއި ފާތިމަތު ދިޔާނާ ސައީދުގެ ނަން މަޖިލީހަށް ފޮނުވައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ޓްވީޓް ކުރައްވާފައެވެ.
ރައީސް ޞާލިހު ވިދާޅުވީ ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ގދ.މަޑަވެލި، މޭނާ އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ސ.ހުޅުދޫ، ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާނެކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ހުސްވެފައިވާ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ނުވަތަ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ބޮޑަށް ފެންނަކަމަށް ޖޭއެސްސީން ވަނީ މީގެ މަހެއްހާ ދުވަހުގެ ކުރިން ލަފާދީފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަބްދުﷲ ދީދީ ވަކިކުރުމަށް މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް