މޯދީ އެންމެފަހުން ރާއްޖެއަށް ވަޑައިގަންނަވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މިމަހުގެ 17 ވަނަ ދުވަހު ދިވެހިރާާއްޖެއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
އިންޑިޔާގެ ހާާރިޖީ ވުޒާރާގެ ތަރުޖަމާނާއި ހަވާލާދީ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހު މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމަށް އިބޫ ދެއްވި ދައުވަތު މޯދީ ގަބޫލުކުރައްވާފައިވާ ކަމަށް އެގައުމުގެ ހާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ބުނިގޮތުގައި މި ދަތުރުގެ ޒަރިއްޔާއިން އިންޑިޔާއާއި ރާާއްޖޭގެ ގުޅުން ބަދަހިކުރުމަށް މޯދީ މަސައްކަތް ކުރައްވާނެއެވެ. މި ދަތުރުފުޅަށް ތައްޔާރުވުމަށްޓަކައި މިދިޔަ ހަފްތާގެ ތެރޭގައި އިންޑިޔާ ސަރުކާރުގެ އެޑްވާންސް ޓީމެއްވެސް ވަނީ އައިސްފައެވެ.
މި ދަތުރުފުޅު ނިންމާލުމަށްފަހު މޯދީ ހަމަ އެ ދުވަހު އިންޑިޔާއަށް އެނބުރި ވަޑައިގަންނަވާނެއެވެ. މިއީ މޯދީ ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް