ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރަން ހުށައަޅާނަން: މާރިޔާ
ނުރައްކާތެރި ކެމިކަލްތައް ހުރި ގުދަންތައް މާލެއިން ބޭރުކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާނެކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވީ ރޭ ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ ނުރައްކާތެރި ކެމިކަލް ގުދަންތައް ތިލަފުށި ފަދަ ރަށްތަކަށް ބަަދަލުކުރުމާއި މެދު ރިޕޯޓެއް އެކުލަވާލައި ވަޒީރުންގެ މަޖިލީޙަށް ހުށައަޅާނެކަމަށެވެ. އަދި އެފަދަކަމެއް ކުރުމުގެ ކުރިން ވިޔަފާރިވެރިންނާއިވެސް މަޝްވަރާކުރައްވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެކަމަނާ މަގާމާއި ހަވާލުވެ ވަޑައިގަތް ފަހުންވެސް ސިފައިން މާލޭގައި ހުރި ގުދަންތައް ޗެކްކޮށް ހަދާފައިވާނެކަމަށެވެ. މިގޮތަށް ބެލިއިރު 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.
ރޭ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ގަނޑުގެ ސަބަބުން ހަތަރު ގުދަނަކާއި، ހަތް ގެއެއް އަނދައި ހުލިވިއެވެ.
އަދި ހަތަރުސަތޭކައަށް ވުރެ ގިނަ މީހުން ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ބަދަލުކުރިކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް