އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ރައީސް ދެއްވި ބަޔާން: ފަލަސްތީނުގެ ހައްގުގައި ވާހަކަ ދެއްކެވި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޗައިނާގެ ޓިއަންޖިން ގައި މިއަދު ބޭއްވި އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފި އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ހާމަކުރެއްވި އެވެ. އަދި ފަލަސްތީނުގެ ހައްގުގައި ބައިނަލްއަގްވާމީ މުޖުތަމައުން ވެސް އެކުގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ޗައިނާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ދިވެހިރާއްޖެއަކީ ވިލުންތެރި، އަޒުމުވަރުގަދަ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ އިތުރުން ގްލޯބަލް ގަވާނަންސް އިނީޝިއެޓިވަށް ރާއްޖެއިން ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައިނަލްއަގްވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުހަލާ ގައި ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ހިމެނުއްވުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

ބައްދަލުވުން އިފްތިތާހު ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ އިސްނެންގެވުމުގެ މަތީން، ސަރަހައްދީ ފެންވަރުގައްޔާއި ބައިނަލްއަގްވާމީ ފެންވަރުގައި، އަމާންކަމާއި، ހަމަޖެހުމާއި ތަމައްދުނަށް މަސައްކަތް ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން އެމަނިކުފާނު ވަނީ، ބައިނަލްއަގްވާމީ އެއްބާރުލުމާއި، ތަރައްގީ އާއި އަދި ހިންގުމަށް އެދެވޭ ބަދަލުތައްގެނައުމުގެ އަމާޒުގައި ހުށަހަޅުއްވާފައިވާ ބައިނަލްއަގްވާމީ ސިލްސިލާގެ ތެރޭގައި ހިމެނޭ، ގްލޯބަލް ގަވާނަންސް އިނީޝިއެޓިވް (ޖީސީއައި) ތައާރަފު ކޮށްދެއްވާފަ އެވެ.

އެސްސީއޯ ޕްލަސް ބައްދަލުވުމަކީ، މެންބަރު ގައުމުތަކާއި، ޕާޓްނާ ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ހިއްސާކުރާ ގޮންޖެހުންތަކާއި، ނުރައްކާތަކާއި، އިގްތިސާދީ އިންޓެގްރޭޝަނާއި ގްލޯބަލް ގަވަނަންސް ފަދަ މައުލޫތަކުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ހުޅުވާލާފައިވާ މަންސައެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް