ވަކި ޕާޓީއެއްގެ ވެރިކަމުގައި ހުށަހެޅި ފޯމްތަކަށް ބޯހިޔާވަހިކަން ނުދެވޭނެ- އަލްހާން
ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ފުރުސަތަކީ ވަކި މީހެއްގެ ނުވަތަ ވަކި ޕާޓީއެއްގެ ވެރިކަމުގައި ހުށަހެޅި ފޯމްތަކަށް ލިބޭ އެއްޗަކަށް ވެގެން ނުވާނެކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ފުރުސަތަކީ ވަކި ޕާޓީއެއްގެ ނުވަތަ ވަކިމީހެއްގެ ބެރިކަމުގައި ފޯމް ހުށަހެޅި މީހުންނަށް ލިބެންޖެހޭ އެއްޗަކަށް ވެގެން ނުވާނެ ކަމަށާއި، އޭނަ މަޖިލީހުގައި އިންނެވި ހިނދެއްގައި އެފަދަ ގޮތަކަށް އެކަން ވެގެން ނުވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.
އަލްހާން އެފަަދައިން ވިދާޅުވެފައިވާއިރު އޭނާ ވަނީ ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ރައްޔިތުންނަށް ގުޅާ ފުލެޓް ޔަގީންވެފައިވާކަމަށް ބުނަމުންދާކަމަށް ވިދާޅުވެފައެވެ.
ރޭގެ ހަފްލާގައި އަލްހާން އިތުރަށް ވިދާޅުވެފައިވަނީ ބޯހިޔާ ވަހިކަމުގެ ފުރުސަތަކީ ހަމަހަމަ ކަމާއި އެކު ދޭންޖެހޭ އެއްޗެއް ކަަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނީ އެކަމަށް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަކީ ކޮބައިތޯ ބަލާ ދިރާސާ ކުރުމަށްފަހު އެމީހުންނަށް ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.
އެގޮތުން އެންމެ ބޮޑަށް ފުލެޓް ހައްގުވަނީ ބޯހިޔާވަހިކަމުގެ އުއްމީދު ކުރީގެ ސަރުކާރުތަކުން ދީގެން މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް