ދައުލަތުގެ ދަތުރުތަކަށް ބޮޑު ޚަރަދެއް ހޭދަވުން: މައްސަލައެއްބާ؟
1965ވަނަ އަަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ދިވެހިރާއްޖެއިން އިނގިރޭސީންގެ ހިމާޔަތުގެ އުނގުން ވީއްލުމުގެ ކުރިންވެސް ދިވެހިންނަކީ ބޭރު ކަރަތަކާއި އެކު ގާތް ގުޅުންތަކެއް އޮތް ގައުމެއްކަން ހާމަވާ އެތައް ހެކިތަކެއް އެބަހުއްޓެވެ. އިގްތިސާދީ، ސަގާފީ އަދި އަސްކަރީ މި ގުޅުންތަކުގެ އާާ ބާބެއް ހުޅުވިގެން ދިޔައީ ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އދ.އިން ބަލައިގަތުމަށްފަހުގައެވެ.
އެ ދުވަސްވަރުން ފެށިގެން ދިވެހިންގެ ޚާރިޖީ ގުޅުންތައް ބިނާވެފައި އޮތް ފަލްސަފާ އަކީ އިންސާނީ ހައްގުތަކާއި ސަރަހައްދީ ގައުމުތަކުގެ ބަދަހިކަން އިތުރުކޮށް ދެމެެހެއްޓުމެވެ. އެއާއި އެކު ބައިނަލްއަގްވާމީ މުޖުތަމައުގައި ބަަސްވިކޭ ކުދި ޖަޒީރާާ ގައުމެއްގެ ގޮތުގައި އޮތުމެވެ. އިސްލާމީ އުސޫލުތަކާއި ވަހުދަތު ނަގަހައްޓައި، ހުޅަނގުގެ ގައުމުތަކާއި އެކުގައިވެސް އިސްތިރާޖީ ގުޅުންތައް ގާއިމްކުރުމެވެ.
ޒަމާނުއްސުރެ ރާއްޖޭގެ ޚާރިޖިއްޔާއިން ގެންގުޅެމުން ގެންދިޔަ މި މައިގަނޑު އަސާސުތަކަށް ދޭތެރެއަކުން ކުދި ބަދަލުތަކެއް ނާދެޔޭ ބުނެފިނަމަ އެއީ ހަގީގަތާއި ޚިލާފް ވާހަކައެކެވެ. ނަަމަވެސް ކުުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ރާއްޖޭގެ ޒަމާންވީ މި ޚާރިޖީ އުސޫލުތައް ބަދަލުކޮށް، އިގްތިސާދީ އަދި އުމްރާނީ ތަރައްގީ ޔަގީންކުރުމުގެ ނިޔަތުގައި ކަމަށްބުނެ ހުޅަނގާއި އަދި އަވަށްޓެރި ގައުމުތަކާއި އެކުގައި އޮތް ގުޅުންތައް މަދުކުރެއްވިއެވެ. އޭގެ ބަދަލުގައި އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ހުރީ އިގްތިސާދީ ގަދަބާރެއް ކަމުގައިވާ ސީނުކަރަޔާއި އެކުގައި ގުޅުންތައް ބަދަހިކުރުމެވެ.
ސީނުކަރަޔާއި ރާއްޖޭގެ އަވަށްޓެރި އިންޑިޔާއާއި ދެމެދު ކުޑަވަރެއްގެ ފިނި ހަނގުރާމައެއް ހިނގަމުންދިޔަ ދަނޑިވަޅުގައި ރާއްޖެއިން ޗައިނާއާއި ގުޅުންތައް ބަދަހިކުރުމުގެ ސަބަބުން ރާއްޖެއަށް ތަރައްގީގެ މަޝްރޫއުތަކެއް ލިބުނު ކަމާއި މެދު ދެބަސްވެވެން ނެތެވެ. ނަމަވެސް އެ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވިކަމަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މީގެ މަސްތަކެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ ވަނީ ރާއްޖޭގެ ޖުމްލަ ދަރަނީގެ 38 ޕަސެންޓް އޮތީ ޗައިނާއަށްކަން ހާމަކުރައްވާފައެވެ. ނަމަވެސް ޗައިނާގެ ދަރަންޏަކީ އިގްތިސާދީ ނަޒަަރަކުން ފުޅާ މިނެއްގައި ބަލައިލަން ޖެހޭ ވާހަކައެއް ކަމުން، އޭގެ ހެވާއި ނުބައިގެ ވާހަކަ ފަހަށް ބާއްވާލާނަމެވެ.
ކޮންމެ ގޮތަކަށްވިޔަސް، ރާއްޖެއާއި ޗައިނާގެ ގުޅުންތަކުގެ ވާހަކައަކީ އޭރުގެ އިދިކޮޅު އިއްތިހާދުން އެންމެ އަޑުހަރުކޮށް ދެއްކި ވާހަކައެވެ. އެ އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޮވިވަޑައިގެން ނޫނީ، ދިވެހި އިގްތިސާދު އަނދަވަޅަކަށް ވެއްޓުމުން ސަލާމަތް ނުކުރެވޭނެކަމަށެވެ. މި ވާހަކަތަކަށްވުރެވެސް ބޮޑަށް އޭރުގެ އިދިކޮޅުން ދައްކަމުންދިޔަ އެންމެ ބޮޑު އެއް ވާހަކައަކީ އެމަނިކުފާާނުގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ވާހަކައެވެ. ދައުލަތުގެ ކުންފުނިތަކުގެ ތިޖޫރީތައް އެތެރެއިން ކޮނެ ހުސްކޮށް، އިދިކޮޅުގެ އެތައް ބަޔަކު ޖަލަށްލީ ކަމަށް އެފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
އެ ދުވަސްވަރު ދައުލަތުގެ މައްސަލަތައް ފުނިޖެހި، ބައިނަލްއަގްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކާއި އިދިކޮޅު ފަރާތްތަކުންވެސް އެ މައްސަލަ ތަކުގެ ވާހަކަތައް ދެއްކުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ގަދަރު ކުޑަވެގެން ދިއުމެވެ. ވަކިން ޚާއްސަކޮށް ޒަމާނުއްސުރެ ގެންގުޅެމުންދިޔަ ޚާރިޖީ އުސޫލުތަކަށް އަލްވަދާއު ކިޔުމަކީ ހުޅަނގުގެ ދުނިޔޭގައި ރާއްޖެއަކީ ބީރައްޓެހި ގައުމަކަށް ވެގެންދިޔުންކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.
މި ހުރިހާ މައްސަލަތަކާއި އެކު 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ވަޒީރަކަށް ހަމަޖެއްސެވީ ކުރިންވެސް އެ މަގާމު ފުރުއްވި އަބްދުﷲ ޝާހިދެވެ. ތަޖުރިބާކާރު އަދި ބަސްވިކޭ ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަބަޔަކަށް އެނގިވަޑައިގެންނެވި އަބްދުﷲ ޝާހިދަށް ޖެހިވަޑައިގެންނެވި ފުރަތަމަވެސް ޒިންމާއަކީ ޒަމާންވީ ޚާރިޖީ ސިޔާސަތުތައް އަލުން އަނބުރާ އިޔާދަކުރުމެވެ. އެމަނިކުފާނުގެ އިތުރުން ދައުލަތުގެ އެހެނިހެން އިސްވެރިންވެސް މި ޒިންމާ އުފުއްލަވައި، ކިލަނބުވެފައިވާ ރާއްޖޭގެ މަންޒަރު ސާފުކުރުމުގެ މަސައްކަތާއި އުޅެން ޖެހުނެވެ.
ދާދިފަހުން މީޑިޔާތަކުގެ ފަލަ ސުރުޚީއަށް އެރި އެއް ވާހަކައަކީ ފާއިތުވި ދެމަހެއްހާ ދުވަސް ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ ބޭފުޅުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކަށް 29.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ހާމަކުރާ މާލީ ރިޕޯޓުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާއާއި ހަަމައަށް ޚަރަދު ކުރި މިންވަރަކީ މިއަހަރު ސަރުކާރުން ދަތުރުފަތުރު ކުރުމަށް ކަނޑައެޅި ބަޖެޓްގެ 20 އިންސައްތައެވެ.
މިއާއި އެކު ސޯޝަލް މީޑިޔާގައި ދެކެވެމުންދިޔަ އެންމެ މައިގަނޑު އެއްވާހަކަ އަކީ މި ސަރުކާރުން ބޭކާރު ދަތުރުތައް ކޮށް، ރައްޔިތުންނަށް އެއްވެސް ފައިދާހުރި ކަމެއް ނުކުރާ ކަމަށެވެ. ވަކިން ޚާއްސަކޮށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ދައުލަތުގެ ޚަރަދުގައި ބޭކާރު ދަތުރުތައް ކުރައްވާ ކަމަށްބުނެ އެތަކެއް ވާހަކަތަކެއް ދެކެވުނެވެ.
މިގޮތުން ދެކެވުނު އެއް ވާހަކައަކީ މަސްދުވަހެއްގެ މުއްދަތުގެ ތެރޭގައި އެމަނިކުފާނު ދެބުރަށް އެމެރިކާއަށް ވަޑައިގެންނެވި ކަމަށެވެ. އެގޮތުން ދެފަހަރަށް ވަޑައިނުގެން އެއްބުރުން ބޭނުންވި ފަރާތްތަކާއި ބައްދަލުކޮށް، ސޮއިކުރާާނެ އެއްބަސްވުންތަކުގައި ސޮއިކުރިނަމަ ފައިސާ ސަލާމަތްވީކަމަށް ގިނަ ބަޔަކު ބުންޏެވެ. ނަމަވެސް ހަގީގަތަކީ އެމަނިކުފާނު އެމެރިކާއަށް ދެ ބުރަށް ވަޑައިގަންނަވަން ޖެހުނީ ދައުވަތެއް ލިބުމުންް ކަމަށެވެ. އެގޮތުން މިނިސްޓަރ ޝާހިދު ފުރަތަމައަށް ވަޑައިގެންނެވީ އދ.ގެ ބައްދަލުވުމެއްގައި ތަގުރީރުކުރެއްވުމަށެވެ. އެ ދަތުރުގެ ޚަވާސާގެ ތެރެއިން އެމަނިކުފާނު ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގެ އޮފިޝަލުންނާއި ބައްދަލުކުރައްވައި، ރާއްޖެއިން ގެއްލިފައިވާ ރީތިނަން ހޯދައި އިންސާނީ ހައްގުތައް ނަގަހައްޓައި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން އަލިއަޅުއްވާލައްވާފައެވެ. އަދި އދ.ގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަމުން ޝާހިދު ވަނީ އދ.ގެ ފަރާތްތަކަށް ރާއްޖެއަށް އައިސް ރާއްޖޭގެ އިސްލާހަށް ސަރުކާާރުން ކުރަމުންދާ ކަންކަން ގާތުން ބެލުމަށް ދައުވަތު ދީފައެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ދާދިފަހުން އދ.ގެ ވަފުދެއް ވަނީ ރާއްޖެއަށް އައިސް، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާަލަތު ރަނގަޅުކުުރުމަށް އެހީތެރިވެދޭނެކަމަށް ވައުދުވެފައެވެ.
ދެން އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮމްޕިޔޯގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. މިއީ ފަޚުގެ ތާރީހެއްގައި ރާއްޖޭގެ އިސްވެރިޔަކަށް އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުން ރަސްމީ ދައުވަތެއް ދިން ފުރަތަމަ ފަހަރެވެ. މި ދަތުރުގައި އެމެރިކާއިން ވަނީ ރާއްޖެއަށް ދޭ ހިލޭ އެހީގެ އަދަދު މަތިކޮށް، އެކި ދާއިރާތަކުން އެއްބާރުލުންދީ 20 މިލިޔަން ޑޮލަރގެ އެހީގެ ޕެކޭޖެއް ދޭނެކަމަށް އެއްބަަސްވެފައެވެ. މީގެ ދެތިން އަހަރު ކުރިން އެމެރިކާ ފަދަ ބޮޑު ބާރަކުން ރާއްޖެއަށް ދައްކަމުންދިޔަ ރުޅިވެރިކަމުގެ މޫނު ދޫކޮށް، ރަހުމަތްތެރިކަމުގެ އަތް ދިއްކޮށްލުމުން ބޭރު ދަތުރަކަށް ޚަރަދުކުރުމަކީ މައްސަލައެއްތޯ ސުވާލު އުފެދެއެވެ.
ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވަފްދުން އިންޑިޔާއަށް ކުރި ދަތުރަށްވެސް ގިނަބަޔެއްގެ ފާޑުކިޔުން ކުރިމަތިވިއެވެ. ތެދެކެވެ. ދައުލަތުގެ ރަސްމީ ދަތުރުތަކަކީ މުހިންމު ދަތުރުތަކެއް ކަމުގައިވިޔަސް އެ ދަތުރުތަކުގެ ޚަރަދު ކުޑަކުރުމަށް ބައިވެރިންގެ އަދަދު މަދުކުރެވިދާނެއެވެ. ނަަމަވެސް ދަތުރުތައް ކުރުން އެއްކޮށް ހުއްޓާލުމަކީ ޚާރިޖީ ނަޒަަރަކުން ފަރުޖެހެން އޮތް ކަމެއް ނޫނެވެ. އިންޑިޔާއަކީ ޒަމާާނުއްސުރެ ރާއްޖެއާއި ގާާތް ގުޅުމެއް އޮތް ގައުމެކެވެ. ނަަމަވެސް މިދިޔަ ސަރުކާރުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ސީނު ކަރަޔާއި ދިމާލަށް އަނބުރާާލުމުގެ ނަތީޖާއަަކަށްް ވެގެން ދިޔައީ ވިސާ ލިބުމުގައި ދިވެހިންނަށް ދަތިތަކެއް ކުރިމަތިވިއެވެ.
އެހެނަސް ރައީސް ސޯލިހު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި އެކު މި ދަތިތައް މިވަނީ އިހުނަށްވުރެ ބޮޑަށް ލުއިފަސޭހަ ވެގެން ގޮސްފައެވެ. ދެގައުމުގެ މެދުގައި ވިސާގެ ލުއިފަސޭހަކަން ގާއިމްކޮށްދޭ އެއްބަސްވުމެއް އެކަށައެޅިފައެވެ.
މީގެ އިތުރުންވެސް ޖަރުމަންވިލާތަށް ނައިބު ރައީސް ފައިސަލް ނަސީމް ފަދަ ބޭފުޅުން ވަނީ ވަޑައިގެން، ރާއްޖެއަކީ އަމާން އަދި ސިޔާސީ މާބޮޑު ހަލަބޮލިކަމެއް ނެތް ގައުމެއްކަމަށް ފަތުުރުވެެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސިފަކޮށްދެއްވުމަށް މަސައްކަތް ކުރައްވާފައެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖޭގެ ޚާރިޖިއްޔާގެ ކަންކަން ދެނެވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއާއި މެދު ދެކެމުންދާ ގޮތް މަޑުމަޑުން ބަދަލުވަމުންދާ ކަމަށާއި، މިއަދު ރާއްޖެއަކީ އިންސާނީ ހައްގުތައް ނަގަހައްޓާ ގައުމެއްގެ ގޮތުގައި ސިފަވަމުންދާ ކަމަށެވެ. “މި ދަތުރުތަކުގައި ހިނގާ ބައްދަލުވުންތަކުގައި ދެކެވޭ މައިގަނޑު އެއްވާހަކައަކީ ބޭރު ގައުމުތަކުން ހުރިހާ ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ފޯރުކޮށްދިނުން. ދިވެހި ޕާސްޕޯޓަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް ޕާސްޕޯޓް. އުނދަގޫތަކާއި ނުލައި ދިވެހިންނަށް ބޭރު ގައުމުތަކަށް ދަތުރުކުރެވެން އެބަޖެހޭ"، އޮފިޝަލް ވިދާޅުވިއެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަޝްރަހު ހިނގައިދިޔަ ގޮތުން ޚާރިޖީ ގޮތުން ދިވެހިރާއްޖެ އެތަކެއް ކަންކަން ކުރަންޖެހިފައިވާކަމީ ދެބަސްވެވެން ނެތްކަމެކެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ ފައިސާއާއި އިންވެސްޓްމެންޓްތަކަކީ ރާއްޖެއިން ބޭރުން ލިބޭނެ އެއްޗެހި ކަމަކީ އެންމެން ދަންނާނެ ކަމެކެވެ. ނަމަވެސް މިކަަމަށް ހަމައެކަނި ޗައިނާއަށް ބަރޯސާވުމުގެ ބަދަލުގައި ބޭރުގެ އެހެނިހެން ގައުމުތަކާއިވެސް ރާއްޖެއިން ގާތްވާން އެބަޖެހެއެވެ. އެކަމަށް ދަތުރުތައްވެސް ކުރާން އެބަޖެހެއެވެ. އެ ދަތުރުތައް ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ ކޮންމެ ސަރުކާރެއް އަޔަސް ކުރާނެ ދަތުރުތަކެވެ. އެއީ ރައްޔިތުންގެ ފައިދާއަށްކުރާ ދަތުރުތަކަށް ވާތީއެވެ. ނަމަވެސް ވީވަރަކުން އެ ދަތުރުތަކަކީ ސަރުކާރުގެ ޖީބަށް ލުއިވާނެ ދަތުރުތަކަށް ހެދުމާއި މެދު ވިސްނާލެވިދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް