އެމްޑީޕީން މަޖިލީހުގެ ކެމްޕެއިން ރަސްމީކޮށް ފަށައިފި
މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން އެމްޑީޕީން ރަސްމީކޮށް ފަށައިފިއެވެ
އެޖެންޑާ ނަވާރައިގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވަނީ ކުރިއަށް އޮތް މަޖިލީހަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށްފަހު، އެކެނޑިޑޭޓުންނަށް ރަސްމީކޮށް ޓިކެޓް ވެސް ހަވާލުކުރައްވާފައެވެ.
އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވަނީ އެމްޑީޕީގެ ޕްރަމަރީ ކާމިޔާބްކުރައްވާ ޓިކެޓް ހާސިލްކުރެއްވި ފަރާތްތަކަށް ނަސޭހަތް ތެރިވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބީ ކުރުމަށް އޮންނާނީ ދެ ގޮތެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރައްޔިތުންނާ ސީދާ ބައްދަލުކޮށް އެރައްޔިތުންގެ ހާލަތު ދެނެގަންނަން ޖެހޭނެ ކަމާއި އަދި އެރައްޔިތުންނަށް ވަކި ކަންތައްތަކެއް ކޮށްދޭން ވައުދުވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެވައުދުތަކަކީ ކޮށްދެވޭނެ ވައުދުތަކަކަށް ވާންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައްޔިތުންނާއ ތެދުބަހުން ވާހަކަދެއްކެވުމަށްވެސް ރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
އަންނަ މަޖިލީހުގެ އިންތިޚާބުގެ 87 ދާއިރާގެ ތެރެއިން އެމްޑީޕީން ވާދަނުކުރަނީ އެންމެ ދާއިރާއަކަށެވެ. އެއީ ފ. ނިލަންދޫ ދާއިރާއެވެ. އެދާއިރާއަށް އެމްޑީޕީގެ ފަރާތުން ކެނޑިޑޭޓަކު ނެރެފައި ނުވަނީ އެދާއިރާއަށް އެއްވެސް ބޭފުޅަކު އެޕާޓީގެ ފަރާތުން ޝައުގުވެރިކަން ފާޅުކުރައްވާފައި ނުވާތީކަމަށް އެޕާޓީން ބުނެފައިވެއެވެ.
ކެނޑިޑޭޓުންނާއި ޓިކެޓް ހަވާލުކުރުމަށްފަހު އެކެނޑިޑޭޓުން ވަނީ އެމްޑީޕީން ހުށަހެޅި ގިނަ ކަންތައްތަކަކަށް އިގްރާރު ވެފައެވެ. އަދި އެއަށްފަހު ޚާއްސަ ދުޢާއެއްވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް