ރާއްޖޭގެ ޙާލަތު މިހާރުވަނީ ރަނގަޅުވެފައި: އީޔޫ
މިދިޔަ އަހަރުގެ މެދު ތެރޭގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއާއި މެދު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ތައްޔާރުކުރި ފްރޭމްވޯކަށް އަމަލު ނުކުރުމަށް އެފަރާާތުން ނިންމައިފިއެވެ.
އީޔޫން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް އަމަލުކުރުމަށް ނިންމީ ރާއްޖޭގެ މިހާރުގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވި ފަހުން ގައުމުގެ ސިޔާސީ ހާލަތު ރަނގަޅުވެފައިވާކަމަށް އީޔޫން ވަނީ ބުނެފައެވެ. އަދި މިއަަހަރުގެ މާާޗްމަހުގައި ބޭއްވުނު ހަތަރުވަނަ އީޔޫ-މޯލްޑިވްސް ޕޮލިސީ ޑައިލޮގުގައި ދިިވެހިރާާއްޖެއިން ވަނީ ޑިމޮކްރަސީ ހަރުދަނާކޮށް، ސަރުކާރުގެ ހިންގުމުގެ ނިޒާމު ވަރުގަދަކޮށް، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް ވައުދުވެފައި ކަމަށް ބަޔާނުގައި ފާހަގަކޮށްފައެވެ.
އަދި މިއަހަރުގެ އެޕްރީލްމަހުގައި އޮތް މަޖިލިސް އިންތިޚާބު އަމާންކަމާއި އެކީ ކުރިއަށް ދިއުމުން އީޔޫން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.
ރާއްޖެއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އީޔޫން އެކުލަވާލި ފްރޭމްވޯކްގައި ހިމެނިފައިވަނީ ވަކި ފަރުދުންނާާއި ފަރާތްތަކަށް ދަތުރުކުރުން މަނާކުރުމާއި އެފަރާތްތަކުގެ މުދާތައް ހިފެހެއްޓުމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް