ޝާހިދު ރައީސް ޝާލިހަށްވުރެ ހަރަކާތްތެރިކޮށް: ގިނަ ޤައުމުތަކެއްގެ އިސްވެރިންނާއެކު ބައްދަލުވުންތަކުގައި
ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގެ ހަވާސާގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރައްވަމުން އެބަ ގެންދަވައެވެ.
އެގޮތުން އިއްޔެ އެމަނިކުފާނު ވަނީ ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސްއާއި، ފިޖީގެ ޚާރިޖީ އަދި ދިފާޢީ ވަޒީރު އިނިއާ ސެރުއިރަތޫއާއި، އަޔަލެންޑްގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ ސިއަރަން ކެނަންއާއި، މޯލްޓާގެ ޚާރިޖީ ވަޒީރު ކާމެލޯ އަބޭލާ އާއި، ބައްދަލުކުރައްވާފައެވެ.

އަދި އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އދގެ އާއްމު މަޖިލީހުގައި ތަޤްރީރްކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާއި ބެހޭ އެންމެ އިސްވެރިޔާ ފެޑެރިކާ މޮގަރިނީއާއި، ނޯވޭގެ ޚާރިޖީ ވަޒީރު ޑަގް އިންގެ އުލްސްޓައިންއާއިވެސް ބައްދަލުކުރައްވާފައެވެ.

ހަމައެއާއިއެކު ކޮމޮރޮސްގެ ރައީސް އަޒާލީ އުސްމާނީއާއި އެޤައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު އަލްއަމީން ސުއެފްއާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

އަދި ބޫޓާންގެ ބޮޑުވަޒީރު ޑރ. ލޮޓޭ ޝެރިންގްއާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރީސް ޕެއިން، ސައޫދީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އާދިލް އަލް ޖުބެއިރް، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަން، އިންޑޮނީޝިއާގެ ނައިބު ރައީސް ޔޫސުފް ކައްލާ އަދި އެޤައުމުގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއާއި މިނިސްޓަރ ޝާހިދު ވަނީ އާއްމު މަޖިލީހުގެ ހަވާސާގައި ބައްދަލުކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް