އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް
އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް
ދުނިޔެ 27 Mar 2026 | 05:51

އިސްރާއީލު ސިފައިންގެ އަދަދު މަދުވެ، އަސްކަރިއްޔާ އިނދަޖެހިދާނެކަމުގެ އިންޒާރު ދީފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިސްރާއީލުގެ އަސްކަރިއްޔާގެ ސިފައިންގެ މަދުވުމުގެ މައްސަލައަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، އަސްކަރިއްޔާ އެތެރެއިން ރޫޅި، އިނދަޖެހިދާނެކަމުގެ ވަރުގަދަ އިންޒާރެއް އަސްކަރީ އިސްވެރިން ދީފިއެވެ.

ބުދަ ދުވަހު ބޭއްވި ސަލާމަތީ ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދައްކަމުން، އިސްރާއީލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އީޔަލް ޒާމިރު ބުނީ، އަސްކަރިއްޔާގެ މަސައްކަތްތައް ހުއްޓުމަކަށް އައުމުގެ ކުރިން އޭނާ ދިހަ "ރަތް ސިގްނަލް" ދީފައިވާނެ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ސިފައިންގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އަސްކަރީ މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި، ގާޒާ، ލުބުނާން، ސޫރިއާ އަދި ހުޅަނގު އައްސޭރި ފަދަ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާނެ އިތުރު ސިފައިން ބޭނުންވެއެވެ. އަދި ސިފައިންގެ އަދަދު އިތުރު ނުކުރެވިއްޖެނަމަ، އަސްކަރީ ”އޮޕަރޭޝަންތަކުގެ“ ނަމުގައި ހިންގަމުންދާ ޖަރީމާތައްް ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެއެވެ.

މި މައްސަލަ ބޮޑުވެފައިވަނީ ހަރުކަށި ފިކުރުގެ ޔަހޫދީން އަސްކަރިއްޔާއަށް ވެއްދުމާ ގުޅޭ ގާނޫނެއް ފާސްނުވެ އޮތުމުންނެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމައިގެ ވަގުތުގައި ސަރުކާރުގެ އެއްބައިވަންތަކަން ހިފެހެއްޓުމަށްޓަކައި އެ ގާނޫނު މަޑުޖައްސާލާފައެވެ.

މިކަމާ ގުޅިގެން އިދިކޮޅު ސިޔާސީ ލީޑަރުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ލީޑަރު ޔައިރު ލަޕިޑް ބުނީ، ދެން ކުރިމަތިވާ ކާރިސާއެއްގައި "އަހަރެމެންނަށް ނޭނގެއޭ" ބުނުމުގެ ފުރުސަތު ސަރުކާރަށް ނޯންނާނެ ކަމަށެވެ. އަދި ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އާއި އަވިގްޑޯ ލީބަރމަން ވެސް ވަނީ ހުރިހާ ރައްޔިތުން އަސްކަރިއްޔާގައި މަޖުބޫރުން ޚިދުމަތްކުރަންޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ގޮވާލާފައެވެ.

އަސްކަރީ މާހިރުން އިންޒާރު ދޭ ގޮތުގައި، ރިޒާވް ސިފައިންނަށް ބަރޯސާވެގެން މިހާރު ހަނގުރާމަ ކުރިއަށް ގެންދިއުމަކީ ދެން މާގިނަ ދުވަހު ކުރެވޭނެ ކަމެއް ނޫނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް