ޚަރަދުތައް އާންމު ނުކުރާނެކަމަށް ތަރުޖަމާނު ބުނުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލު ހާމަނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވުމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓްރާންސްޕޭރެންސީން ބުނީ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލާ ގުޅޭގޮތުން "އާންމު ގޮތެއްގައި އެފަދަ ތަފްސީލެއް ހިއްސާއެއް ނުކުރަން" ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވުމުން ކަންބޮޑުވާކަމަށެވެ.
އެ ޖަމްއިއްޔާއިން ބުނީ މައުލޫމާތުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަމަށާއި އަދި މި ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދައި ލިބިގަތުމަކީ އެކަމަށް އެދޭ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަމަށެވެ.
" މިގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް އެއިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭނެކަމަށް ބުނެފައިވާތީ އދ.ގެ އަށް ރާއްޖެއިން ދިޔަ ވަފްދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލަކީ ހިއްސާނުކޮށް ބޭއްވެނޭ މައުލޫމާތެއް ނޫނެވެ" ޓްރާންސްޕޭރެންސީން ބުންޏެވެ.
އެހެންކަމުން އެފަދަ މައުލޫމާތަކަށް އެދެފިކަމުގައިވާނަމަ ވީހާވެސް އަވަހަކަށް އެމައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހަށް ވަނީ ގޮވާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް