ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިން: މާރިޔާ
ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިންކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) އިން ހިންގި 13 ވަނަ ފިޒިކަލް އިންސްޓްރަކްޓަރ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާފަދައިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ މައިބަދަ ކަމުގައިވާ ދިވެހި ސިފައިންނަކީ ސިފަވަންތަ އަޙްލާޤާއި، ޒަމާނީ ޢިލްމާއި ހުނަރު ލިބިފައިވާ، ހުޝިޔާރު ޤާބިލް ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި ދިވެހި ސިފައިންނަކީ ޤައުމަށް ކުރިމަތިވާ ކޮންމެ އުދުވާނަކުން ހުށިޔާރުކަމާއި އަދި ޤާބިލްކަމާއެކު ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢު ކުރަން ތިބޭބައެއް ކަމަށާއި މިކަން ހާސިލުކުރެވޭނީ ސިފައިންނަކީ ދުޅަހެޔޮ އަދި ތަމްރީން ލިބިފައިވާ ޤާބިލް ބައެއްގެ ގޮތުގައި ދެމިތިބެގެން ކަމަށް ވިދާޅުވިއެވެ.
ކަޅުތުއްކަލާ ކޮށީ ހެވިކަމުގެ މައިދާނުގައި ރޭ ބޭއްވި، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. އަދި މި ކޯސް ފުރިހަމަ ކުރި ސިފައިންނަށް ސެޓްފިކެޓާއި ކަށިގަނޑު ޙަވާލުކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް