މީހުން ތާށިވި ހޮހަޅަ
މީހުން ތާށިވި ހޮހަޅަ
ދުނިޔެ 28 May 2026 | 04:42

ލާއޯސްގެ ފެންބޮޑުވެފައިވާ ހޮހަޅައެއްގައި ތާށިވި 5 މީހަކު ހަފުތާއެއް ފަހުން ސަލާމަތުން ތިއްބާ ފެނިއްޖެ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ލާއޯސްގެ މެދުތެރޭގެ ޒައިސޮމްބޫން ޕްރޮވިންސްގައި ފެންބޮޑުވެފައިވާ ހޮހަޅައެއްގެ ތެރޭގައި ތާށިވެ، ޚަބަރެއް ނުވެ ހަފުތާއެއްވީ ފަސް މީހަކު މިއަދު ސަލާމަތުން ތިއްބާ ފެނިއްޖެއެވެ.

ނަމަވެސް، އެމީހުންނާއެކު ހޮހަޅައަށް ވަން އިތުރު ދެ މީހަކު އަދިވެސް ނުފެންނަ ކަމަށް ރެސްކިއު ޓީމުތަކުން ބުނެއެވެ.

މި ފަސް މީހުން ފެނިފައިވަނީ ލާއޯސް އަދި ތައިލެންޑުގެ ރެސްކިއު ޓީމުތަކުން ގުޅިގެން ކުރިއަށްގެންދިޔަ ނުރައްކާތެރި އޮޕަރޭޝަނެއްގައެވެ.

"އަޅުގަނޑުމެންނަށް ފަސް މީހަކު ސަލާމަތުން ފެނިއްޖެ. އަދިވެސް އިތުރު ދެ މީހަކު ހޯދުމުގެ މަސައްކަތް އެބަދޭ،" ލާއޯސްގެ 'ރެސްކިއު ވޮލަންޓިއާ ފޯ ޕީޕަލް' ގްރޫޕުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ.

ތައިލެންޑުގެ ރެސްކިއު ޓީމުން ބުނި ގޮތުގައި މި މީހުން ފެނިފައިވަނީ އިއްޔެ ހަވީރު 4:30 ހާއިރުއެވެ.

މި ހަތް މީހުންނަކީ ރަނާއި ވަލު ޖަނަވާރު ހޯދުމަށްޓަކައި މިދިޔަ ބުދަ ދުވަހު އެ ހޮހަޅައަށް ވަން ބައެކެވެ. އެމީހުން ހޮހަޅައިގެ ތެރޭގައި ތާށިވީ ބޯކޮށް ވާރޭވެހި، ކުއްލިއަކަށް ފެންބޮޑުވުމުގެ ސަބަބުން ހޮހަޅައިގެ ދޮރު ބަންދުވުމާ ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި އިސްކޮށް އުޅުނު ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރު މިކޯ ޕާސީ ބުނި ގޮތުގައި، މިއީ ވަރަށް ބުރަ މަސައްކަތެކެވެ. އޭނާ ފާހަގަކުރި ގޮތުގައި ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެފައި އޮތުމުގެ އިތުރުން، ވައި ނުސާފުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރު އޮތުމުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މިކޯ ޕާސީއަކީ 2018 ވަނަ އަހަރު ތައިލެންޑުގެ ހޮހަޅައެއްގައި ތާށިވި ފުޓްބޯޅަ ޓީމު ސަލާމަތްކުރުމުގައިވެސް ބައިވެރިވި ޑައިވަރެކެވެ.

ވެރިރަށް ވިއެންޓިއާނާގެ އިރުއުތުރުން 125 ކިލޯމީޓަރު ދުރުގައި އޮންނަ މި ހޮހަޅައިން ފެން ހިއްކުމަށްޓަކައި ފާއިތުވި ދުވަސްތަކުގައި ބޮޑެތި ޕަންޕުތައް ބޭނުންކޮށްފައިވެއެވެ.

މި ހޮހަޅައަކީ ކުރިން ރަން ނަގަން ބޭނުންކުރި ތަނެއް ކަމަށާއި، މިއީ އެއްވެސް ފަރާތެއްގެ މިލްކުވެރިކަމެއް އޮތް ތަނެއް ނޫން ކަމަށް ރެސްކިއު ޓީމުތަކުން މަޢުލޫމާތުދެއެވެ. އާންމުކޮށް އެ ސަރަހައްދުގެ މީހުން ކާނާ ހޯދުމަށާއި ރަން ހޯދުމަށް މި ހޮހަޅައަށް ވަދެ އުޅެއެވެ.

މިހާރު ކުރިއަށްދަނީ ގެއްލިފައިވާ އަނެއް ދެ މީހުން ހޯދުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް