އެންމެ ރަނގަޅީ ކޮން ކުލައެއްގެ ބިހެއް؟
ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި، މިނެރަލް، އަދި ޕްރޮޓީން އެކުލެވިގެންވާ، ބިހަކީ ވަރަށް ފައިދާ ހުރި ކާނާއެކެވެ.
މުޅި ދުނިޔޭގައިވެސް ހެނދުނުގެ ނާސްތާއަށް އެންމެ މަގްބޫލް އެއްޗަކީވެސް ބިހެވެ. ބިހަކީ އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. ރިހަ، ސެލެޑް، ނޫޑުލްސްގެ އިތުރުން ފިހެގެން ތައްޔާރު ކުރާ ކާއެއްޗެހީގައިވެސް ބިސް ހިމަނައެވެ. ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެ ދުވަހަކު ބިހެއް ކެއުމަށް ސިއްހީ މާހިރުން ލަފާދެއެވެ.
ދެ ބާވަތެއްގެ ބިހެއް އާއްމުކޮށް ލިބެން ހުރެއެވެ. އެއީ ހުދު އަދި މުށި ކުލައިގެ ބިހެވެ. މި ދެބާވަތުގެ ތެރެއިން ހަށިގަނޑަށް އެންމެ ރަނގަޅު ބާވަތަކީ ކޮބައިކަމާއިމެދު ކުރެވޭ ބަހުސް އަހަރުމެންގެ ތެރޭގައިވެސް އޮވެއެވެ.
މުށި ކުލައިގެ ބިސް ލިބެން ހުންނަނީ ހުދު ކުލައިގެ ބިހަށްވުރެ އަގުބޮޑު ކޮށެވެ. އެހހެންވެ، ގިނަމީހުންނަށް ހީވެފައި އޮންނަ ގޮތުން، މުށި ކުލައިގެ ބިހަކީ ހަށިގަނޑަށް އެންމެ ފައިދާ ހުރި ބިހެވެ. އެހެންނަމަވެސް، އެއްޗެއްގެ އަގުބޮޑުވުމަކީ، އެ އެއްޗަކުން ގިނަ ފައިދާ ލިބެން ޖެހޭ ސަބަބެއް ނޫނެވެ.
ހުދު ކުލައިގެ ބިހަށްވުރެ، މުށި ކުލައިގެ ބިހުގައި ފައިދާ ހުންނަ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫނެވެ. ފަހުގެ ދިރާސާއަކުން އެކަން ވަނީ ހާމަވެފައެވެ. އެގޮތުން، އެ ދެބާވަތުގެ ބިހުގެ ނިއުޓްރިޝަނަލް ވެލިއުއަށް ބަލާއިރު، މާ ބޮޑު ތަފާތެއް ނެތްކަން ވަނީ ޔަޤީން ކުރެވިފައެވެ.
ހުދު އަދި މުށި ކުލައިގެ ބިހުގެ ބައެއް ސިފަތަކާއި، ތަފާތުތައް:
ރަހަ:
ރަހައަށް ބަލާއިރު، މި ދެވައްތަރުގެ ބިހުގެ ރަހައިގައި ހުރީ ވަރަށްވެސް ކުޑަ ކުޑަ ތަފާތެކެވެ.
ނިއުޓްރިޝަން:
ބިހުގައި ހުންނަ ނިއުޓްރިޝަންއަށް ބަލާއިރު، ދެ ވައްތަރުގެ ބިހުގައިވެސް ކޮލެސްޓްރޯލް، ޕްރޮޓީން، އަދި ކެލަރީސް ހުންނަނީ ދާދި އެއްވަރަކަށެވެ. އެހެންނަމަވެސް މުށި ބިހުގައި އޮމެގާ 3 ހުންނަނީ ތަންކޮޅެއް ގިނައިންނެވެ.
އަގު:
ދެބިހުގެ އަގަށް ބަލާއިރު މުށި ކުލައިގެ ބިހުގެ އަގު ތަންކޮޅެއް ބޮޑެވެ. އެހެންނަމަވެސް، އަނެއްކާވެސް ދަންނަވާލަން ޖެހެނީ ބިހުގެ އަގަކީ ބިހުން ލިބޭނެ ފައިދާއާއި އެއްވެސް ގުޅުމެއް ހުރި އއެއްޗެއް ނޫން ކަމެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ދެބާވަތުގެ ބިހުގެ ކޮލިޓީވެސް، އެކި ސަބަބުތަކާއި ގުޅިގެން ތަފާތު ވެދާނެ ކަމެވެ. އެގޮތުން، ބިސް އެޅި ކުކުޅު ކެއި އެއްޗެހި ރަނގަޅުވެއްޖެނަމަ، ކުކުޅު އަޅާ ބިހުން ލިބޭ ފައިދާ އިތުރުވެއެވެ.
ނޯޓް: މި ލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ ފިޒީޝަނެއްގެ ފަރާތުން ލިބޭ މައުލޫމާތުގެ ބަދަލުގައި ބޭނުންކުރަން އެންމެ އެކަށީގެންވާ މައުލޫމާތަށް ނުވެދާނެއެވެ. އިތުރު ތަފްސީލް ހޯދަން އެންމެ ރަނގަޅުވާނީ ފިޒީޝަނެއްގެ ކައިރިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް