''އެމްޑީއެންގެ ފިކުރަށް މަތިފަޑިން ޖާގަދީ، އެމީހުން ދިފާއު ކުރުމުން ރާއްޖެ މިދާ މިސްރާބު ސާފުވެއްޖެ''
އެމްޑީއެންގެ ފިކުރަށް މަތިފަޑިން ޖާގަދީ، އެމީހުން ދިފާއު ކުރުމުން ރާއްޖެ މިދާ މިސްރާބު ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށް ސަލަފު ޖަމުއިއްޔާގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަލަފު ޖަމުއިއްޔާގެ ރަސްމީ ޓުވީޓާ އެކައުންޓުން މިރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ ޖަރީމާއެއްގެ އިލްޒާމު ދީނީ އިލްމުވެރިންގެ ބޮލުގައި އަޅުވައި، ލާދީނީ އެމްޑީއެންގެ ފިކުރަށް މަތިފަޑިން ޖާގަދީ، އަދި އެމީހުން ދިފާއު ކުރުމުން، މިއަދު ރާއްޖެ އަމާޒު ހިފާފައިވާ މިސްރާބު ވަރަށް ރަގަޅަށް އެނގި ސާފުވެއްޖެ ކަމަށެވެ.
އައްޝައިޚު އަހުމަދު ސަމީރު މިހެން ވިދާޅުވެފައި މިވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ އަތެއްވާކަމަށް މަރުކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެރިޕޯޓުގައި ޝަހީމުގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރުމުން އެކަމާއި ދެކޮޅަށް ގިނަ އިލްމުވެރިން ދަނީ މީސް މީޑިއާގައި ހިތްހަމަ ނުޖެހުންފާޅުކުރަމުންނެވެ.
ޑރ. ޝަހީމުވެސް މިއަދު ވިދާޅުވެފައިވަނީ މަރުކޮމިޝަނުން ނެރުނު އެރިޕޯޓުގައި އޭނާގެ މައްޗަށް އެފަދަ ތުހުމަތުތަކެއްކޮށްފައިވަނީ އޭނާގެ އަގުވައްޓައިލައި، އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް