12 މެންބަރުންގެ މުސާރަ އެއްފަހަރާ ޖަމާކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެންޓި-ޑިފެކްޝަން ގާނޫނުގެ ދަށުން ގޮނޑިގެއްލިފައިވާ ކަމަށް ކަނޑައަޅައިފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ހުކުމެއްގެ ދަށުން މަޖިލީސް މެންބަރުކަމުގެ މަގާމު އަލުން ލިބިވަޑައިގެންނެވި 12 މެންބަރުންނަށް، ގެއްލުނު މުއްދަތުގެ މުސާރަ ގަނޑުކޮށް ޖަމާކޮށްދީފިއެވެ.
މެންބަރުންނަށް އެއްފަހަރާ ދީފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައި، ފަހުން ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅުމާއި ދެމެދު ހިނގައިދިޔަ މުއްދަތަށް ނުލިބިގެން ދިޔަ މުސާރައެވެ. މި މުސާރަ ޖަމާކޮށްދީފައިވާކަމަށް ބައެއް މެންބަރުންވެސް ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ޕެންޝަން ކެނޑުމަށްފަހު ގާތްގަނޑަކަށް 80،000 ރުފިޔާ ލިބެއެވެ. އެހެންކަމުން ގޮނޑި ނުގެއްލޭކަމަށް ހުކުމްކުރި 12 މެންބަރުންނަށް ގާތްގަނޑަކަށް 800،000 ރުފިޔާ އާއި 1،000،000 ރުފިޔާއާއި ދެމެދުގެ އަދަދެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.
އެންޓި-ޑިފެކްޝަން ގާނޫނުގެ ދަށުން މިދިޔަ އަހަރު ގޮނޑި ގެއްލުނު ހުރިހާ މެންބަރުންގެ ގޮނޑިތައް، ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ހުކުމްކޮށްފައެވެ. މި ގާނޫނު އުވާލުމުގެ ސަބަބުން މަޖިލީހުގައި ކޮރަޕްޝަނާއި ޕާޓީ ބަދަލުކުރުން އިތުރުވެދާނެކަމަށް ބުނެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް