ބަނދަރު ހެދުމަށް ބަޖެޓްގައި އޮތްވަރަށްވުރެ ގިނައިން މިއަހަރު ސޮއިކުރި
މިއަހަރުގެ ތެރޭގައި ބަނދަރު ހެދުމަށްޓަކައި ބަޖެޓްކުރެވިފައިވާ މިންވަރަށްވުރެ ގިނައިން އިތުރަށް ޚަރަދުކުރިކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ހާމަކުރައްވައިފިއެވެ.
އަސްލަމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
އެބޭފުޅާ ވިދާޅުވި ގޮތުގައި ބަނދަރު ހެދުމުގެ މަސައްކަތަށް ބަޖެޓުގައި ހިމެނިފައިވަނީ 563 މިލިޔަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ސޮއިކުރެވުނު މަސައްކަތުގެ އަދަދުވަނީ 600 މިލިޔަން ރުފިޔާއަށް އަރާފައިވާކަން މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.
އަސްލަމް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރެއިން ކުރެވޭނެކަމަށް ލަފާކުރެވެނީ 80 އިންސައްތަ މަސައްކަތް ކަމަށެވެ. އަދި ކޮންޓްރެކްޓުގައި ސޮއި ކުރެވުނަސް އަހަރުގެ ތެރޭގައި ކޮންޓްރެކްޓުގައި ސޮއި ކުރެވޭ އަދަދު އެކީގައި ޑިސްޕާސް ވެގެން ނުދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ޕްލޭނިންގް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްގެންދަނީ ތަރުތީބުކޮށްގެންނެވެ.
އެގޮތުން ބަޖެޓުގައި މަސައްކަތް ކުރުމަށް ބޮޑުކޮށް ފައިސާ ހިމަނާފައި ހުރި މަސައްކަތްތައް އަހަރުގެ ކުރީކޮޅު ފެށުމަށްފަހު މަދުން ފައިސާ ހިމެނިފައި ހުރި ކަންކަން އަހަރުގެ ފަހުކޮޅުގައި ކުރުމަށް ރޭވިފައިވާކަމަށް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް