މަޑުއްވަރީގައި އުޅޭ ހަރުކަށި ފިކުރުގެ މީހުންނަށް ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް!
ރ.މަޑުއްވަރީގައި އުޅޭ ދީީނީގޮތުން ހަރުކަށި ފިކުރުގެ މީހުންގެ ނަޒަރުގައި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ ސަލާމަތީ ބާރުތަކުން ރ.މަޑުއްވަރީގައި ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބިޝާރު ވިދާޅުވީ އެ އޮޕަރޭޝަން ހިންގަމުންދަނީ ހަރުކަށި ފިކުރުގެ ބަޔަކު އެމީހުންގެ އެ ފިކުރު ވަރަށް ފުޅާ ދާއިރާއެއްގައި ފަތުރަމުންދާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެންކަމަށެވެ.
އެގޮތުން އެފަދަ ފަރާތްތަކުން ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްކަމުގައި ދެކޭ ކަމަށާއި އެފަރާތްތަކުގެ ފިކުރަށް ތަބާނުވާ ފަރާތްތަކުގެ މުދަލާއި، ފުރާނައާއި ނަފްސަށް ގެއްލުންދިނުމަކީ ހުއްދަކަމެއްގެ ގޮތުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
ބިޝާރު އިތުރަށް ވިދާޅުވި ގޮތުގައި ޝަރުއީ އަދި ގާާނޫނީ ހަަމަތަކުން ބޭރުން އުމުރުން 18އަހަރުގެ ކުދިންނާއި ކައިވެނިކޮށް އަނބިންގެ ގޮތުގައި ގެންގުޅުމާއި އެމީހުންނާއި އެކު ޖިންސީ ގުޅުން ހިންގުމަކީ މިފަދަ ފަރާތްތަކުން ދެކޭ ގޮތުގައި ހުއްދަ ކަމެކެވެ. މި ފަރާތްތަކުން ކުދިންނަށް ލިބިދޭ ވެކްސިން ޖެހުމާއި ތައުލީމް ލިބިގަތުމުގެ އަސާސީ ހައްގުން މަހުރޫމްކޮށްފައިވާކަމަށްވެސް އެބޭފުޅާ ވަނީ ހާމަކުރައްވާފައެވެ.
މި އޮޕަރޭޝަންގެ އިތުރު ތަފްސީލް ދެއްވަމުން ބިޝާރު ވިދާޅުވީ ފުލުހުންނާއި ސިފައިން މި އޮޕަރޭޝަން ހިންގުމުގެ މަގްސަދަކީ މިފަދަ ނުބައި ކަންކަން މުޖުތަމައުގައި ފެތުރުން ހުއްޓުވުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަަމަށެވެ.
މި އޮޕަރޭޝަންގައި ވަނީ އެ ރަށުގެ ހަ ގެއަކާއި ދޯންޏެއް ބަލާފާސްކުރެވިފައެވެ. މި ތަންތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާާލާތާއި، ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓެއް ވަނީ ހޯދާފައެވެ. އަދި މި އޮޕަރޭޝަންގައި ތިން މީހަކުވެސް ވަނީ ހައްޔަރުކުރެވިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް