ބަޔަކު ހުތުބާ އަޑު އަހަނީ
ބަޔަކު ހުތުބާ އަޑު އަހަނީ
ދީން 29 Mar 2024 | 07:57

ޚުތުބާގައި ކިޔައިދިނީ ރަމަޟާން މަހު ހިނގައިދިޔަ ބަނދުރު ހަނގުރާމަާއި މައްކާ ފަތަހަކުރެއްވި ހާދިސާއިން ލިބޭ ފިލާވަޅުތައް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ރަމަޟާން މަހުގައި މުސްލިމުންނަށް، ބަދުރު ހަނގުރާމަ އާއި މައްކާ ފަތަހަ ކުރެވުނު ހާދިސާއިން ލިބިގެންދިޔަ މުހިންމު ކާބިޔާބީ އާއި އެއިން ލިބޭ ފިލާވަޅުތައް މިއަދުގެ ޚުތުބާގައި ކިޔައިދީފިއެވެ.

“ކާމިޔާބީ ތަކުގެ މައްސަރެއް” މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، ހިނގަމުންމިދާ މަހަކީ ބަރަކާތުން ފުރިގެން ވާ މައްސަރެއް ކަމަށެވެ. އަދި މި މަހުގައި މާތް اللهُ އިސްލާމީ އުއްމަތަށް ގިނަގުނަ ކަމިޔާބީތަކެއް ދެއްވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކާމިޔާބީއަކީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ދެއްވި ނަޞްރެވެ. އެދުވަހަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހެވެ. އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ "يَوْمُ الْفُرْقَان" އެވެ.

ހުކުރު ޚުތުބާ

“މި ޙާދިޘާއާ ބެހޭ ގޮތުން މާތް اللهُ وَحِى ކުރައްވާފައިވާ ބަސްފުޅުގެ މާނައީ: "އެކަލާނގެ حَضْرَةُ ން އައި أَمَانْކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން طَاهِرُ ކުރެއްވުމަށާއި، شَيْطَان އާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި،ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ مَلَائِكَةُ ންނަށް وَحِى ކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބޭކަލުންނާ އެކުގައެވެ. ފަހެ، إِيْـمَان ވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! كَافِرُ ވި މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބޭކަލުން (ކަނޑިން) ޖައްސަވާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖައްސަވާށެވެ.”

މިއާއެކު ޚުތުބާގައި ބުނެފައިވާގޮތުން، ބަދުރު ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ ޢަދުލުވެރިކަމުގެ ފިލާވަޅެވެ. އެހެނީ މާތް ނަބިއްޔާ ސައްލަالله ޢަލައިހި ވަސައްލަމް އެހެން ބައެއްގެ މައްޗަށް ޢަދުލުވެރިކަން ހިންގެވުމުގެ ކުރިން ޚުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް ޢަދުލުވެރިކަން އިސްކުރެއްވިކަން ޚުތުބާގައި ފާހަގަކުރިއެވެ.

“މި ހަނގުރާމައިގެ ލަޝްކަރު ތައްޔާރުކުރެއްވުމަށް ސަފުތައް ތަރުތީބުކުރެއްވި ވަގުތު، އެއް ބޭކަލަކު ސަފުން ކުރިއަށް ޖެހިވަޑައިގެން ހުންނެވި ތަން ފެނިވަޑައިގެން "އޭ ސަވާދެވެ! ސަފުތެރެއަށް ވަދެވަޑައިގަންނަވާށެވެ." މިހެން ޙަދީޘް ކުރައްވައި ސަވާދުގެ ބަނޑުފުޅުގައި އެކަލޭގެފާނުގެ އަތްޕުޅުގައިއޮތް ބޮންތިކޮޅުން ޖެއްސެވިއެވެ. އެހިނދު ސަވާދު ދެންނެވިއެވެ. "އޭ اللهُ ގެ ރަސޫލާއެވެ. އަޅުގަނޑަށް ތަދުވެއްޖެއެވެ. އެހެންވީމާ އެކަމުގެ ޤިޞާޞް ނުހިއްޕަވައި ދޫނުކުރައްވާހުށީމެވެ." އެހިނދު ރަސޫލު الله z ވަރަށް ތަވާޟުޢުވެރިކަމާއެކު ބަނޑުފުޅު ކަޝްފުކުރައްވައި ޤިޞާޞް ހިފުމަށް ސަވާދު އަރިހު އެދިވަޑައިގެންނެވިއެވެ. ދެން ސަވާދު އެކަލޭގެފާނުގެ ގައިކޮޅުގައި ބޮސްދެއްވިއެވެ. ރަސޫލު الله z ސަވާދާ ސުވާލުކުރެއްވިއެވެ. ތިޔަ ހެއްދެވީ ކިހިނެއްހެއްޔެވެ؟ ސަވާދު ދެންނެވިއެވެ. "މާތް  اللهُ ގެ ރަސޫލާއެވެ! އަޅުގަނޑުމެން މިތިބަ ޙާލު ދެނެވަޑައިގަންނަވަމު ނޫންތޯއެވެ! މިދުނިޔޭގެ އެންމެ ފަހު ކަމަކަށް އަޅުގަނޑު އެދެމުން އައީ ކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅުގައި ބޮސްދީ ކަލޭގެފާނުގެ ހަށިކޮޅުގައި އަޅުގަނޑު ބީހުމެވެ. ދެން އެކަލޭގެފާނު ސަވާދަށްޓަކައި ހެޔޮ ދުޢާ ކުރެއްވިއެވެ. އަދި ސަފުގައި އެއްވަރުވެ ހުރުމަށް އެންގެވިއެވެ." ބަދުރު ހަނގުރާމައިގައި ހިނގި ހާދިސާގެ ތެރެއިން ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމްގެ އަދުލުވެރިކަން ހާމަވާ ހާދިސާ ކިޔައިދެމުން ޚުތުބާގައި ބުނެފައިއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ، މަޝްވަރާކުރުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ. އަދި ރަސޫލު ސައްލަالله ޢަލައިހި ވަސައްލަމްގެ މައްޗަށް ވަޙީ ބާވައިލައްވަމުން ދިޔަ އިރުވެސް،އެކަލޭގެފާނު ދެއްކެވި ނަމޫނާ އަކީ، އެކަލޭގެފާނަކީ އަމިއްލަފުޅު ރައުޔަށް ކަންކަންކުރައްވާ ބޭކަލެއް ނޫންކަން ފާހަގަކޮށްފައިވެއެވެ. އަދި މީސްތަކުންނަށް ޢަމަލީ ގޮތުން އެކަން މި ހަނގުރާމައިގެ ތެރޭގައި ފެނުނުނު ކަމަށްވެސް ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، މި ހަނގުރާމަޔަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އަބޫބަކުރުގެފާނު ވަރަށް ފުރިހަމައަށް ވާހަކަފުޅު ދެއްކެވި ކަމަށާ އަދި ޢުމަރުގެފާނު ވެސް ހަމަ އެފަދައިން ޚިޔާލު ހުށައެޅުއްވި ކަމަށެވެ.

​ބަދުރު ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އިސްލާމްދީނުގެ ޢަޤީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާކަމެއް ފަސޭހަވާނެކަން ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެނީ ބަދުރު ހަނގުރާމައިގައި ބަފައިން ދަރިންނާ، ދަރިން ބަފައިންނާއަޚުން އަޚުންނާ، ގާތްތިމާގެމީހުން ގާތްތިމާގެމީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ،ހަނގުރާމަ ކުރި ކަމަށާ މިވާހަކަ ކީރިތި ޤުރްއާނުގައި ވެސް ބަޔާންކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

"الله އަށާއި، آخِرَة ދުވަހަށް إِيْـمَان ވާ މީހުންނީ، الله އާއި، އެކަލާނގެ رَسُوْل އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أَخُ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إِيْـمَانކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حَضْرَةُ ން ލިބިފައިވާ رُوْح އަކުން،އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللهُ އެއުރެންނަށް ރުއްސަވާވޮޑިގެންވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللهُ ގެ جَـمَاعَة އެވެ. ދަންނާށެވެ! ހަމަކަށަވަރުން، اللهُ ގެ جَـمَاعَةُ ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެ."

މިއާއެކު ޚުތުބާގައި ބުނީ، މިމައްސަރުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު، ވިހިވަނަ ދުވަހު ދެއްވި މައްކާ ފަތަޙަކުރެއްވުމުގެ ކާމިޔާބީ ކަމަށެވެ.

މައްކާއިން ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމް ބޭރުކޮށްލެވުނު ހިނދު، އެކަލޭގެފާނު ނުކުމެވަޑައިގެންނެވީ އަބޫބަކުރުގެފާނާއެކު ގިނިކަންޏާއެކު ކަމަށާ ނަމަވެސް މައްކާ ފަތަޙަކުރެއްވި ދުވަހު އެކަލޭގެފާނު މައްކާއަށް ވެދެވަޑައިގެންނެވީ ދިހަހާހަށްވުރެ ގިނަ އަޞްޙާބު ބޭކަލުންނާއިގެން ކަން ޚުތުބާގައު ފާހަގަކޮށްފައިވެއެވެ.

މި މަތިވެރި ކާމިޔާބީ ލިބިވަޑައިގަތުމަށްފަހު، މައްކާގެ ރައްޔިތުން އެއްކުރައްވައި ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ހީކުރަނީ ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ދޭތެރޭ ކޮން ގޮތަކަށް ޢަމަލުކުރައްވާނެ ކަމަށް ހެއްޔެވެ؟" އެބައިމީހުން ދެންނެވޫއެވެ. "ހެޔޮކޮށް ކަންތައް ކުރައްވާނެ ކަމަށެވެ! ކަލޭގެފާނަކީ ދީލަތި އަޚެއްގެ ދީލަތި ދަރިކަލަކީމުއެވެ." އެހިނދު ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި މާތް ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ދާށެވެ! ތިޔަބައިމީހުންނީ މިނިވަނުންނެވެ!"

ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމް މެދު އިހާނެތިކޮށް އެބައިމީހުން ކަންތައްކޮށްފައި ވީއިރުވެސް އެކަލޭގެފާނަށް އާރާއި ބާރު ލިބިވަޑައިގެން ހުންނަވައިމެ، އެމީހުންނަށް މަޢާފު ކުރެއްވި ކަމަށާ އެކަލޭގެފާނަކީ އޯގާވެރިކަމާއި ހިތްޕުޅު ތިރިކަމުގެ ލާމަސީލު ނަމޫނާ އެއް ކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިއާއެކު ހުތުބާގައި ވަނީ މިމައްސަރުގައި މާތް اللهُ ލައްވަވާފައިވާ ކާމިޔާބީތަކުން ފިލާވަޅާއި ޢިބުރަތް ލިބިގަންނަ ބަޔަކަށްވެ އަދި ރަމަޟާންމަހުގައި ލައްވަވާފައިވާ ކާމިޔާބީ ހޯދުމަށް މަސައްކަތްކުރުމުގެ ހީވާގިކަމާއި ހިތްވަރު ދެއްވުމަށް އެދި ދުޢާ ކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ
25 Sep 2026 ދީން

ޙަޤީޤީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެގެން: ހުކުރު ޚުތުބާ

މިއަދުގެ ޒަމާނުގައި މާއްދީ ގޮތުން ކިތަންމެ ކުރިއަރައި ފަސޭހަތައް އިތުރުވި ނަމަވެސް، ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި އަދި ނަޖާވުން ލިބެން އޮތީ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށް މިއ...

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ
18 Sep 2026 ދީން

ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ: ހުކުރު ޚުތުބާ

ދަރަންޏެއް ނަގަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ އެކުލެވޭ ދަރަނިތަކާ ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުޅި ރާއްޖޭގެ މުސްލިމުންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ
11 Sep 2026 ދީން

އިސްލާމްދީނުގެ އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ: ޚުތުބާ

ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެ...

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ
04 Sep 2026 ދީން

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ؛ އެފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ: ޚުތުބާ

ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި އެމީހުންނަށް އެންމެ ބޮޑަށް އަޅާލަންޖެހޭ މައިންބަފައިންވެސް ހިމެނޭ ކަމަށާ، އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފ...