ތިބާގެ ދަރިފުޅާ ދިމާއަށް މިފަދައިން ނުބުނޭ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ކުދިންނާ މުއާމަލާތްކުރާއިރު އަޅުގަނޑުމެން ބޭނުންކުރާ ބަސްތަކާއި ޢިބާރާތްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ އެކަމަކީ، ކުދިން ތިމާގެ އަމިއްލަ ނަފްސަށާއި، އަދި އެހެން މީހުންނަށް ކުރާ އިޙްތިރާމާއި، ކުދިންގެ ހެދިބޮޑުވުމާއި، ވިސްނާ ގޮތަށް، ދިގުދެމިގެންދާ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ.
އެހެން ކަމުން، މި ލިޔުމުގައި މި އަލިއަޅުވާލަނީ ދަރިންނާއި ދިމާއަށް އެއްޗެއް ބުނާއިރު، ދުރުހެލިވާންޖެހޭ ބައެއް ބަސްތަކަށެވެ.
1. "ތިޔައީ ހަމަ [ނެގެޓިވް ފިގަރއެއް] ފަދަ ކުއްޖެއް."
މިއީ އަނެކާއާމެދު ނައްސި ގުޅުމެއް އުފެދި، އެމީހުންގެ އަމިއްލަ ތަޞައްވުރަށް އަސަރުކުރާ ކަމެކެވެ. އަދި ހަމަ އެހެންމެ، ބެލެނިވެރިޔާގެ ދުލުން އެފަދައިން ތަކުރާރުކޮށް ބުނާއަޑު ކުއްޖާއަށް އިވޭނަމަ، އެކުއްޖާއަށްވެސް އެފަދައިން ގަބޫލު ކުރެވި، އެ ނުރަނގަޅަށް އުޅޭ ކަމަށް މިސާލު ދައްކާ ކުއްޖާގެ ކިބާގައި ހުންނަ ނުރަނގަޅު އާދަތައް ކޮޕީކޮށް އެފަދައިން އުޅުމަށްވެސް ކުއްޖާ ބޭނުންވެދާނެއެވެ.
2. "[ކުއްޖަކާ] ވައްތަރު ނުވެވޭނީ ކީއްވެގެން ހެއްޔެވެ؟"
އެވެނި ކުއްޖެއް ފަދަ މޮޅު ކުއްޖަކަށް، ނުވަތަ، އެކުއްޖާ ފަދައިން މޮޅުކޮށް ކަންކަން ކުރާ ދަރިއަކަށް ތިމާގެ ދަރި ނުވަނީ ކީއްވެތޯ ސުވާލުކޮށް، ކުއްޖާއާއި އެހެން ކުދިން އަޅާކިޔުމަކީ، ތިމާގެ ދަރިއަކީ ނާޤާބިލު ކުއްޖެއް ކަމަށް އެކުއްޖާއަށް އިޙްސާސްކުރެވޭނެ ކަމެކެވެ. އޭގެ ސަބަބުން ކުއްޖާގެ ހިތުގައި އަމިއްލަ ނަފްސާމެދު ރުޅިވެރިކަން އުފެދި، އެ އަޅާކިޔާ ކުއްޖާއާމެދު ހިތުގައި ހަސަދަވެރިކަން އުފެދޭނެ ކަމެކެވެ.
3. "ތިޔައީ މާ ނާޒުކު/ ހިތްބަލި ކުއްޖެއް“
ކުއްޖާ ދެރަވާ ކަންކަމާއި ދެރަވެ، އެކަމާ ރޮއި ހެދުމުން، ތިޔައީ ހިތްވަރު ގަދަ ކުއްޖެއް ނޫނޭ، ނޫނީ ހާދަ ހިތްބަލި ކުއްޖެކޭ ބުނެ، އެ އިހްސާސް ފާޅު ކުރުމަށް ހުރަސް އަޅާނަމަ، އެމީހުންގެ އިހުސާސްތަކާއި، ޖަޒުބާތުތައް އެފަދައިން ފާޅުކުރުމަށް ޖެހިލުންވާނެއެވެ. އޭގެ ސަބަބުން، ހުރިހާ ކަމެއް ހިތުގައި ބަހައްޓައި، ޖަރުބާތުތައް ބޭރު ކުރަންޖެހޭ ގޮތަށް ނުކުރެވި ރުޅިވެރިކަން އިސްކުރަން ފަށާފާނެ އެވެ.
4. "ދަރިފުޅު އަބަދުވެސް އުނދަގޫ ކުރަނީ."
ދަރިފުޅަކީ މަންމަ އަށް އަބަދުވެސް އުނދަގޫ ކުރާ، ދަރިފުޅުގެ ފަރާތުން އެއްވެސް ފަސޭހައެއް ނުވާ ކުއްޖެއް ކަމަށް ތަކުރާރުކޮށް ބުނަން ފެށުމުން، ކުދިންނަށް އަމިއްލަ މީހާ އަކީ ބޭކާރު، އުނދަގުލަކަށް ވެފައިވާ ކަމުގެ އިހްސާސް ކުރެވުން އެކަށީގެންވެއެވެ. އޭގެ ސަބަބުން ކުދިންގެ ސުލޫކަށް ވެސް އަސަރު ކުރާނެއެވެ.
5. ”ތިޔައީ ހާދަ ގޯސް/ ބަސްނާހާ ކުއްޖެކޭ“
ނޭނގި ނަމަވެސް ވަރަށް ގިނަ ބެލެނިވެރިންނަށް ދަރިންނާ ދިމާއަށް ވަރަށް ގިނައިން މިފަދައިން ބުނެވެއެވެ. މިއީ މަޑުން ނުހުރެވޭ، ބަސްނާހާ ކުއްޖެކޭ ތަކުރާރުކޮށް ކުއްޖާ ގާތުގަޔާއު އެހެން މީހުން ގާތުގައި ކިޔުމަކީ، ކުއްޖާގެ ކިބާގައި ހުންނަ ނުރަނގަޅު އާދަތައް އިސްލާހް ކުރުމަށް އެޅިގެންދާނެ ހުރަހަކަށްވެ، އެކަންކަން އިސްލާހް ކުރުމަށް ކުއްޖާ ބޭނުންވެސް ނުވާން މެދުވެރިވާ ސަބަބަކަށް ވެދާނެ އެވެ.
އޭގެ ބަދަލުގައި، އެ ނުރަނގަޅު ކަމެއް ފާހަގަކޮށް، ކުއްޖާއާއި ވާހަކަ ދައްކައި، އެކަން ރަނގަޅު ކުރަން ބުނެ، އަދި ރަނގަޅު ކުރުމަށް ކުއްޖާ ކުރަންވާ ކަންކަން ވެސް ބުނެދިނުމަކީ ކުއްޖާ ހެޔޮމަގަށް އެޅުވުމަށް އެހީވެދޭނެ ކަމެކެވެ.
އެހެން ކަމުން ދަރިން ތަރުބިއްޔަތު ކުރާއިރު، އެކުދިންނަކީ، ރަނގަޅު ކަންކަން ކުރުމަށް އަވަސް ވެގަންނަ، އަދި ކުއްޖާ ކުރާ ކަންކަމަކީ ރަނގަޅު ކަމެއް ނަމަ، އެކަން ކުއްޖާއަށް ވާނެ ކަމަށް ބުނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑު ކުރުމަށް މަސައްކަތް ކުރަން ވާނެއެވެ. މައިންބަފައިންގެ ބަސްތަކަކީ ދަރިންނަށް ވަރަށް ބޮޑަށް އަސަރު ކުރުވާ އެއްޗެއްކަން އަބަދުވެސް ވިސްނަންވާނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް