މުދައްރިސާއި ބެލެނިވެރިއާގެ ބައްދަލުވުމެއް... ފޮޓޯ: އޭއައި
މުދައްރިސާއި ބެލެނިވެރިއާގެ ބައްދަލުވުމެއް... ފޮޓޯ: އޭއައި
ލައިފްސްޓައިލް 03 Jul 2026 | 03:16

ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމުގައި ޒިންމާ ނަގާނީ ކޮން ބައެއް؟

އުނގެނުމާއި، އަޚުލާޤާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ދަރިވަރުންގެ ކާމިޔާބީ އަށްޓަކައި ޤަވަޢިދުން ސްކޫލަށް ޙާޒިރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވާނަމަ، އޭގެ ނޭދެވޭ އަސަރުކުރަމުން ދަނީ ހަމައެކަނި އެ ދަރިވަރަށް އެކަންޏެއް ނޫނެވެ. މުދައްރިސުންނަށާއި، ބެލެނިވެރިންނަށާއި، ކްލާހުގެ އެހެން ކުދިންގެ އިތުރުން މުޅި ސްކޫލް މާޙައުލަށް އޭގެ އަސަރު ކުރެއެވެ. ސްކޫލަށް ހާޒިރުނުވުމަކީ ކުޑަ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، އެކަން ތަކުރާރުވާނަމަ ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވެއެވެ.

ދަރިވަރުންނަށް ކުރިމަތިވާ މައްސަލަތައް

ޤަވަޢިދުން ސްކޫލަށް ޙާޒިރުނުވާ ދަރިވަރުންނަށް މުހިންމު ފިލާވަޅުތަކެއް ގެއްލިގެންދެއެވެ. ދެން ކްލާހަށް ދާއިރު އެ މަޢުޟޫން ކުރިން ކިޔަވައިދެވުނު ބައި ގެއްލުމުގެ ސަބަބުން އެ މައުޟޫއު ދެނެގަތުމަށް ދަރިވަރުންނަށް އުނދަގޫވެއެވެ. މީގެ ސަބަބުން ދަރިވަރުގެ ހިތުގައި ނުތަނަވަސްކަން އުފެދި، ފިލާވަޅުމަތިން ފޫހިކުރުވާ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެއެވެ.

ހަމައެއާއެކު، ޤަވަޢިދުން ސްކޫލަށް ޙާޒިރު ނުވުމަކީ އިމްތިޙާނުގެ ނަތީޖާއަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ކްލާހުގައި ދެވޭ މަސައްކަތާއި، ގޭގައި ކުރަންދެވޭ މަސައްކަތްތަކުގެ އިތުރުން އެކި ޕްރޮޖެކްޓްތައް ފުރިހަމަކުރުމަށް އެދަރިވަރުންނަށް ނުހަނު ގިނަގުނަ އުނދަނގޫތަކާއި ކުރިމަތިވެއެވެ. އަދި ގެއްލިފައިވާ ފިލާވަޅުތައް ފުރިހަމަކުރުމަށްޓަކައި އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރަން ޖެހުމުގެ ސަބަބުން، ދަރިވަރުން ކިޔެވުމުގެ މަތިންފޫހިވުމަށް މަގުފަހިވެއެވެ.

އިޖުތިމާޢީ ގުޅުންތަކަށް ބަލާއިރު، ގިނައިން ސްކޫލަށް ޙާޒިރުނުވާ ދަރިވަރުން އެކުދިންގެ އެކުވެރިންނާ އޮންނަ ގުޅުން ހީނަރުވެ، އެކަނިވެރިކަން އިޙުސާސް ކުރަންޖެހެއެވެ. ގްރޫޕް މަސައްކަތްތަކާއި، ކުޅިވަރުތަކާއި، ސްކޫލުގެ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލުމުގެ ސަބަބުން، މަޑުމަޑުން ކިޔެވުމަށް ދެވިފައިވާ ޝައުޤުވެރިކަން ކުޑަވެގެންދެއެވެ.

މުދައްރިސުންނަށް ކުރިމަތިވާ އުނދަގޫތައް

ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވުމަކީ މުދައްރިސުންނަށް ވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. މުދައްރިސަކު ފިލާވަޅުތައް ރާވަނީ ތަރުތީބުން ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް، ދަރިވަރަކު ޙާޒިރުނުވުމުން އެދަރިވަރަކަށް ފިލާވަޅުގެ ބައެއް އުނިވެއެވެ. އެ ދަރިވަރަކު އެނބުރި އައުމުން، މުދައްރިސަށް ޖެހޭނީ އަލުން އެ ފިލާވަޅު ކިޔަވައިދީ، އެ ކުއްޖާއަށް ވަކިން އެހީތެރިކަން ފޯރުކޮށްދޭށެވެ.

މީގެ ސަބަބުން މުދައްރިސުގެ ވަގުތު ގެއްލި، މުޅި ކްލާހުގެ ކުރިއެރުމަށް މަޑުޖެހުމެއް އާދެއެވެ. ބައެއް ފަހަރު ފިލާވަޅުތައް ތަކުރާރުކުރަން ޖެހުމާއި، ޙާޒިރުނުވާ ކުދިންނަށް ވަކިން މަސައްކަތު ކަރުދާސްތައް ތައްޔާރުކުރުމަކީ މުދައްރިސުންނަށް އިތުރުވާ ބުރައެކެވެ. ވަކި ދަރިވަރުންތަކެއް ގިނައިން ސްކޫލަށް ޙާޒިރުނުވާނަމަ މިއީ މުދައްރިސުންނަށް ނަފްސާނީ ގޮތުން ވެސް އުނދަގޫވާ ކަމެކެވެ.

ބެލެނިވެރިންގެ މުހިންމު ޒިންމާ

ކުދިން ސްކޫލަށް ޙާޒިރުވާ މިންވަރު އިތުރުކުރުމުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑެވެ. ކޮންމެ ދުވަހަކުވެސް ގަޑިއަށް ކުދިން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ސަމާލުކަން ދޭންޖެހެއެވެ. މަޤުބޫލު ޢުޒުރެއް ނެތި ކުދިން ސްކޫލަށް ނުފޮނުވައި ގޭގައި ބޭތިއްބުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކުދިކުދި ކަންތައްތަކާ ހުރެ ސްކޫލަށް ނުފޮނުވުމަކީ، މަޑުމަޑުން ކުއްޖާގެ ކިބައިގައި ހަރުލާ ނުބައި އާދައަކަށްވެ، އޭގެ ސަބަބުން ކުއްޖާގެ ތަޢުލީމަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.

އެއްވެސް ސަބަބަކާ ހުރެ ސްކޫލަށް ނުދެވޭނަމަ، ސްކޫލުގެ ޤަވާއިދާ އެއްގޮތަށް މުދައްރިސުންނަށް އެކަން އެންގުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. މީގެ ސަބަބުން ކުއްޖާ ޙާޒިރުނުވާ ސަބަބު މުދައްރިސަށް އެނގި، ކުއްޖާ އެނބުރި އައުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދެއެވެ. އަދި މިއީ ބެލެނިވެރިޔާ އާއި ސްކޫލާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށްދޭ ކަމެއް ވެސް މެއެވެ.

މީގެ އިތުރުން، ގެއްލުނު ފިލާވަޅުތައް ކުއްޖާ ފުރިހަމަކުރިތޯ ބެލެނިވެރިން ބަލަންޖެހެއެވެ. ކޮންމެ ދުވަހަކު ސްކޫލަށް ދިއުމަކީ އުނގެނުމަށާއި ކުރިމަގުގެ ކާމިޔާބީއަށް ވަރަށް މުހިންމު ކަމެއްކަން ބެލެނިވެރިން ކުއްޖާއަށް އޯގާތެރިކަމާއެކު ވިސްނައިދޭންޖެހެއެވެ.

ބެލެނިވެރިޔަކު ދަރިވަރު ސްކޫލަށް ފޮނުވުމަށް ތައްޔާރުކުރަނީ... ފޮޓޯ: އޭއައި

ސްކޫލަށް ޙާޒިރުނުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް

ދަރިވަރުން ސްކޫލަށް ޙާޒިރުނުވުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއް ހުރެދާނެއެވެ. އޭގެ ތެރޭގައި ސިއްޙީ މައްސަލަތަކާއި، ދަތުރުފަތުރުގެ ދަތިކަމާއި، ޢާއިލީ މައްސަލަތަކާއި، ނިދިމަދުވުމާއި، އިމްތިޙާނަށް އޮންނަ ބިރާއި، ގަނާކުރުން ނުވަތަ ކިޔެވުމަށް ޝައުގުވެރިކަން ނެތުން ހިމެނެއެވެ. ބައެއް ފަހަރު ބެލެނިވެރިންނަށް ސްކޫލަށް ދިއުމުގެ މުހިންމުކަން ރަނގަޅަށް ފަހުމްނުވުމުގެ ސަބަބުން ވެސް ކުދިން ގޭގައި ބޭތިއްބޭ ފަހަރުވެސް އާދެއެވެ.

މި މައްސަލަ ޙައްލުކުރުމުގެ ކުރިން، ކުއްޖާ ޙާޒިރުނުވާ އަސްލު ސަބަބު ދެނެގަތުން ވަރަށް މުހިންމެވެ. މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތްކޮށް، ކުއްޖާގެ ޙާލަތު ދެނެގަނެ، ހެޔޮގޮތުގައި ކުއްޖާއަށް މަގުދައްކައިދޭންޖެހެއެވެ.

ދަރިވަރެއް ސްކޫލްގައި.... ފޮޓޯ: އޭއައި

ދަރިވަރުން ހާޒިރީ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް

ސްކޫލްތަކުން ހާޒިރީ ބަރާބަރަށް ބަލައި، ކުއްޖަކު ގިނައިން ސަލާމް ބުނާނަމަ ބެލެނިވެރިންނާ ގުޅަންޖެހެއެވެ. މުދައްރިސުންނަށް ކުރެވިދާނެ ކަމަކީ، ގެއްލުނު ފިލާވަޅުތައް ފޯރުކޮށްދީ، ކުއްޖާއަށް ހިތްވަރުދީ އެހީތެރިވުމެވެ. މިކަމުގައި ކުއްޖާ ކުށްވެރިކުރުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު އިރުޝާދު ދޭންޖެހެއެވެ.

ބެލެނިވެރިން ކުދިންގެ ދުވަހުގެ ތާވަލު ރަނގަޅަށް ރާވަންޖެހެއެވެ. އަވަހަށް ނިދުމާއި، ގަޑިއަށް ހޭލުމާއި، ހެނދުނު ނާސްތާ ކުރުމަށްފަހު ސްކޫލަށް ދިއުމަށް ބާރުއަޅަންޖެހެއެވެ. އަދި ޢާއިލީ ކުދިކުދި ކަންކަމުގައްޔާއި، އެނޫންވެސް ކަންކަމުގައި ސްކޫލަށް ނުފޮނުވާ ނުބޭތިއްބުމަށް ސަމާލުކަން ދޭންޖެހެއެވެ. ބެލެނިވެރިންގެ މަސައްކަތުގެ ބުރަކަމުގެ ސަބަބުން އެ ފަދަ ދުވަސްތަކުގައި ވެސް ކުދިން ސްކޫލަށް ޤަވައިދުން ފޮނުވޭނެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ސަމާލުކަން ދިނުންމުހިންމެވެ.

ސްކޫލް ކިޔެވުން އޮންނަ ކޮންމެ ދުވަހަކީ މުހިންމު ދުވަހެއްކަން ޤަބޫލުކޮށް ދަރިވަރުންވެސް ޤަވާއިދުން ސްކޫލަށް ޙާޒިރުވުމަށް މަސައްކަތްކުރަންވާނެއެވެ. އަދި ސްކޫލަށް ޚާޒިރު ނުވެވުމުގެ ސަބަބުން ގެއްލޭ ފިލާވަޅުތައް ފުރިހަމަކޮށް، އޮޅުންނުފިލާ ކަންކަމުގައި މުދައްރިސުންގެ އެހީތެރިކަމަށް ހޯދަންވާނެއެވެ.

ބެލެނިވެރިންނާއި، މުދައްރިސުން އަދި ދަރިވަރުންގެ ގުޅުން

ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މައްސަލަ ޙައްލުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. މުދައްރިސުންނަށް ކުރެވިދާނެ ކަމަކީ އުނގެނުމަކީ ޝައުގުވެރި ކަމަކަށް ހަދައިދީ ދަރިވަރުންނަށް ހިތްވަރު ދިނުމެވެ. ބެލެނިވެރިންނަށް ކުރެވިދާނެ ކަމަކީ ގޭތެރޭގައި ރަނގަޅު އާދަތައް އަށަގަންނުވައި، މުދައްރިސުންނާ ގާތް ގުޅުމެއް ބޭއްވުމެވެ. ދަރިވަރުންނަށް ކުރެވިދާނެ ކަމަކީ، އުނގެނުމުގެ ޒިންމާ އަމިއްލައަށް އުފުލައި، ކޮންމެ ދުވަހަކު ސްކޫލަށް ޙާޒިރުވުމަށް ޢަޒުމުކަނޑައަޅާ ސްކޫލަށް ޙާޒިރުވުމަށް މަސައްކަތްކުރުމެވެ.

ޤަވައިދުން ސްކޫލަށް ޙާޒިރުވުމުގެ އާދައިގެ ސަބަބުން ކުއްޖާގެ ކިބައިގައި ވަގުތަށް ކަމޭހިތުމުގެ މުހިންމުކަމާއި ރަނގަޅު އަޚުލާގީ ސިފަތަކާއި، މީހުންނާ ގުޅިގެން މަސައްކަތްކުރުމާއި އަދި މިނޫންވެސް އިޖުތިމާއީ ރަނގަޅު އެތައް ޞިފަތަކެއް ހަރުލައިގެންދެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި އުނގެނުމަށް ފުރުޞަތުލިބި އެ ކުދިންނަކީ މުޖުތަމަޢުއަށް ފައިދާހުރި ދަރިންތަކަކަށް ވެގެންދެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް