ޖަންނަތުގެ އޮފިޝަލް ޕޯސްޓަރެއް
ޖަންނަތުގެ އޮފިޝަލް ޕޯސްޓަރެއް
ލައިފްސްޓައިލް 13 Aug 2026 | 15:39

ޑާކްރެއިންގެ ޖަންނަތު: އިބްރަތްތެރި މޮޅު ފިލްމެެއް، ކޮންމެހެން ބަލާލަން ޖެހޭ

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ޑާކްރެއިން އެންޓަޓައިމަންޓްގެ އައު ފިލްމު "ޖަންނަތު" މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން އޮލިމްޕަހުގައި ދަނީ ދައްކަމުންނެވެ. ހައުސްފުލް ޝޯތަކެއް ދައްކަމުންދާ މި ފިލްމަކީ މި ފަހުން އޮލިމްޕަހަށް އައި އެންމެ ރީތި އެއް ފިލްމޭ ބުނަން ޖެހެ އެވެ. ފިލްމު ވަރަށް ރީއްޗެވެ. މޮޅު ސްކްރީން ޕްލޭ އެކެވެ. ޝައުގުވެރި އެތައް ކަމެއް ހިމެނޭ ފިލްމެކެވެ. އަދި މިއީ ކޮންމެހެން ބަަލާލަން ޖެހޭ ފިލްމެކޭ ބުނަން ޖެހެ އެވެ.

ފިލްމުގައި ވަނީ ކިހިނެތް

މިއީ އޯޓިޒަމް ހުންނަ މީހެއްގެ ދިރިއުޅުމުގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. އޯޓިޒަމް ކުއްޖަކު ލިބުނު ނަމަވެސް މަންމައާ ބައްޕަގެ ހިތްވަރުން އެއީ ތައުލީމް ލިބިފައިވާ ގާބިލް މީހަކަށް ހަދަ އެވެ. ވަޒީފާއަށް ނިކުމެ އަމިއްލައަށް އާމްދަނީ ހޯދަ އެވެ.

ވަޒީފާގެ މާހައުލުން އަންހެނާއި ބައްދަލްވެ ދިރިއުޅުމަށް ބޮޑު ބަދަލެއް އާދެ އެވެ. ކައިވެނިކޮށް ލޯބިލޯބި ކުއްޖަކު ލިބެ އެވެ. ނަމަވެސް ދިރިއުޅުމަށް ބޮޑު ހިތާމައެއް ކުރިމަތިވެ އެވެ. އެ ހިތާމައިން އަރައިނުގަނެވި އުޅެނިކޮށް ކުއްޖާގެ މާމަ, އެ ކުއްޖާ ހޯދުމަށް ކޯޓަށް ދެެ އެވެ. ދެން ދައްކައިދެނީ ކޯޓްގައި މައްސަލަ ކުރިއަށްދާ ގޮތެވެ.

ފިލްމުގެ ކޮންމެ މަންޒަރަކީ ޝައުގުވެރި މަންޒަރެކެވެ. ދެން ވާނީ ކިހިނަކުންތޯ ހިތާހިތާ ސުވާލުކޮށްލެވެ އެވެ. މަންޒަރުތައް ގެނެސްދީފައިވަނީ ފިލްމަށް އޮތް ޝައުގުވެރިކަން އެއްވެސް މިންވަރަކަށް ނުގެއްލޭ ގޮތަށެވެ. އިންތިޒާރު ކުރަން ޖެހޭ ފަދަ ގޮތަކަށެވެ. ވަރަށް ސަސްޕެންސް ހައި ނަލަ ފިލްމެކެވެ.

އިބްރަތްތެރި އެތައް މެސެޖުތަކެއްް

މިއީ ފިލްމު އުފެއްދުމުގެ ހަގީގީ މަގްސަދު ވަރަށް ބޮޑަށް ހާސިލުކޮށްދޭ ފިލްމެވެ. މި ފިލްމުން ވަރަށް މުހިންމު އެހާމެ އިބްރަތްތެރި އެތައް މެސެޖުތަކެއް ލިއްބައިދެ އެވެ. ހާއްސަކޮށް މިހާރާ ވަރަށް ގުޅެ އެވެ.

އޯޓިމަށް ހޭލުންތެރިކުރުވަ އެވެ. އެފަދަ ކުދީންނާއި މީހުންނަކީ މުޖްތަމައުއަށް ބޭނުންތެރި ބައެއް ކަމުގައި ބުނެދެ އެވެ. އެފަދަ މީހުންނާއި ކުދީންނަށް މުޖްތަމައުގައި އޮތް ގޮންޖެހުންތައް ދައްކައިދެ އެވެ. ބައެއް އާއިލަތަކުން އެފަދަ ކުދީންނާއިމެދު ދެކޭ ގޮތެވެ. ކަންކަން ކުރާ ގޮތެވެ.

އަދި އެފަދަ ކުއްޖަކު ލިބުމުން އާއިލާތަކުން ކުރާ ހިތްވަރެވެ. ހާއްސަކޮށް ބައްޕެއްގެ ގުރުބާނީ އެވެ.

މީގެ އިތުރުން އެފަދަ މީހުންނާއި ދެކޮޅަށް ހުށައެޅޭ މައްސަލަތަކުން ނިކުންނަ ނަތީޖާ އެވެ. މިއީ ދީނީ ގޮތުން ވެސް ވަރަށް ރަނގަޅު މެސެޖުތަކެއް ލިއްބައިދޭ ފިލްމެކެވެ. މާތްﷲ އަށް ވަކީލުކުރުމާއި ހެޔޮގޮތް ވާނެކަން އުންމީދު ކުރުމުގެ މުހިންމު ކަމެވެ. އެކިއެކި ހާލަތްތައް ތަހަންމަލު ކުރަމުންދާ މީހުންނަށް އަޅާލުމާއި އޯގާތެރިވުމުގެ މުހިންމު ކަމެވެ. ކޮންމެ އިންސާނަކަށް އިހްތިރާމާއި ކަރާމް ލިބިގެންވާ ކަމެވެ. ކެތްތެރިވުމުގެ މުހިންމު ކަމެކެވެ. މިހެން ގޮސް ކިތަންމެ މެސެޖެކެވެ.

އެކްޓަރުންގެ އެކްޓިންއަށް 100

ޑާކްރެއިންގެ ހުރިހާ ފިލްމުތަކަކީ ވެސް ބެލުންތެރީންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމުތަކެކެވެ. މިއީ ވެސް އެ ލިސްޓަށް އިތުރުވީ ފިލްމެކެވެ.

މި ފިލްމަށްވެސް އެންމެ ބޮޑު ފުރިހަަމަ ކަމެއް ގެނެސްދިނީ އެކްޓަރުންގެ މޮޅު އެކްޓިންގެ ސަބަބުންނެވެ. ހާއްސަކޮށް ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ޝަރަފުގެ އެކްޓިން އާދަޔާ ހިލާފަށް މޮޅެވެ. އެކަން ފިލްމު ބެލި އެންމެންވެސް ފާހަގަކުރެ އެވެ. މީގެ އިތުރުން ކޮޕީ އިއްސެ އާއި ދަރާ ރަޝީދު އަދި އަފްރާހްގެ އެކްޓިން ފާހަގަކޮށްލެވެ އެވެ.

ޖަންނަތުގެ އޮފިޝަލް ޕޯސްޓަރެއް --

ފިލްމުގައި އެންމެ ފާހަގަކޮށްލަން ޖެހެނީ "ޖަންނަތު" ގެ ރޯލް އަދާކުރާ ކުޑަކުއްޖާގެ ރޯލެވެ. އެ ކުއްޖާގެ އެކްޓިން ވަރަށް ފުރިހަމައަށެވެ. ވަރަށް ލޯތްބެވެ.

ކޮންމެހެން ބަލާލަން ޖެހޭ ފިލްމެއް، އަތޮޅުތަކުގައިވެސް ދައްކާނެ

ވަރަށް ގިނަ ސަބަބުތަކާއެކު "ޖަންނަތު" މިއީ ކޮންމެހެން ބަލާލަން ޖެހޭ މޮޅު އެހާމެ ރީތި ފިލްމެއް ކަމުގައި ބުނަން ޖެހެ އެވެ. ޔަގީނުން ވެސް މި ފިލްމު ބަލާފައި ނިކުންނާނީ ހިތްހަމަ ޖެހިގެންނެވެ. މިފަދަ އިތުރު ފިލްމެއް ބަލާލަން ބޭނުންވެގްނެވެ.

ފިލްމުގެ ޓިކެޓް ނަގަން ބޭނުންވާ މީހުން، 9911229 އަށް ވައިބާކޮށްލުމުން ޓިކެޓް ބުކްކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާ ނެއެވެ. ޑާކްރެއިން ޓީމުން ދަނީ އަތޮޅުތެރޭގެ ރަށްތަކުގައިވެސް ޖަންނަތު ދައްކަމުންނެވެ.

އެގޮތުން ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން 7779621 ނަމްބަރަށް ގުޅާލުމުން އެކަމުގެ އިންތިޒާމްތައް ހަމަޖެހޭނޭ ކަމަށް ޑާކްރެއިނުން ބުނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް