ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އިއްޔެ މާލޭގައި ހިންގި ބޮޑު ބަނގުރަލުގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާއްމު ކޮށްފިއެވެ. ބޭތިއްބުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލް އަމީން އަދި ޕޮލިން ފަސްދުވަހަށް އަދި އެމް.ޑީ. ރަކިބް ހޮސެން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރު ގެއެއް ބަލައިފާސްކޮށްފައެވެ. މި އޮޕަރޭޝަންގައި 826 ފުޅި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮޕަރޭޝަން ހިންގާފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް