އަވަސް މުއްދަތެއްގައި ކޯލިޝަނުގެ ބައްދަލުވުމެއް ބާއްވަނީ
ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ސަރުކާރު ކޯލިޝަނުގެ ލީޑަރުންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރު ކޯލިޝަނުގެ ހުރިހާ ލީޑަރުން ހިމެނޭ ގޮތަށް ރަސްމީ ބައްދަލުވުމެއް ނުބާއްވައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ކޯލިޝަނުގެ ގުޅުން ހީނަރުވެފައިވާކަމަށް ބުނަމުންނެވެ.
''ވޮއިސް'' އަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު މިއަދު ވިދާޅުވީ، ކޯލިޝަނުގެ އިސް ލީޑަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ލީޑަރުން އެދިވަޑައިގެންފައިވާކަމަށެވެ. ލީޑަރުން އެގޮތަށް އެދިވަޑައިގަތުމުން ރައީސް ސޯލިހުވަނީ ވީއެންމެ އަވަސް ފުރުސަތެއްގައި ބައްދަލުވުމެއް ބާއްވާނެކަމުގެ ޔަގީންކަން އެބޭފުޅުންނަށް އަރުވައިފަ ކަމަށް ހޫދު ވިދާޅުވިއެވެ.
ހޫދު ވިދާޅުވީ، ބައްދަލުވުން ނުބޭއްވި ލަސްވަމުން ދަނީ ހުރިހާ ލީޑަރުންނަށް އެއްތަނުން ބައްދަލުވެ ވަޑައިގަތުމަށް އެބޭފުޅުންނަށްވެސް ވަގުތު ނުވާތީ ކަމަށެވެ.
އެހެންވެ ހުރިހާ ބޭފުޅުންނަށްވެސް ވަގުތު ލިބިވަޑައިގަތުމުން ވީ އެންމެ އަވަހަކަށް ބައްދަލުވުން ބާއްވަން ރައީސް ނިންމަވައިފައިވާކަމަށް ހޫދު ވިދާޅުވިއެވެ.
''އެބޭފުޅުން ވިދާޅުވީ ކީއްވެތޯ ބައްދަލުވުމެއް ނުބާއްވަނީ، ބައްދަލުވުމެއް ބާއްވަން އެދިވަޑައިގަތީ. އެހެންވެ ރައީސް ސޯލިހު ވިދާޅުވީ ހުރިހާ ބޭފުޅުން އެއްތަން ނުވާތީއާއި އެބޭފުޅުންގެ ވަގުތުތައް ހުންނަ ގޮތުން ބައްދަލުވުން ނުބޭއްވި ލަސްވާ ކަމަށް. އެކަމަކު ރައީސް އެބޭފުޅުންނަށް ދެންނެވި ވީ އެންމެ އަވަސް ފުރުސަތެއްގައި ބައްދަލުވުން ބާއްވާނެ ކަމަށް. ނަމަވެސް ވަކި ތާރީހެއް ނުދެއްވާ.'' ހޫދު ވިދާޅުވިއެވެ.
ހޫދު ވިދާޅުވީ، ކޯލިޝަނުގެ ހުރިހާ ލީޑަރުންނާ އެއްމޭޒަކުން ބައްދަލު ކުރައްވަން ފުރުސަތު ލިބިވަޑައިނުގެންނެވި ނަމަވެސް، ވަކިވަކިން ލީޑަރުންނާ ރައީސް ބައްދަލުކުރައްވާ ކަމަށެވެ.
ސަރުކާރު ކޯލިޝަނުގައި ލީޑަރުންގެ ގޮތުގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް