ރެއާލް މެޑްރިޑްގެ ދާއިމީ ކޯޗެއްގެ ގޮތުގައި ސޮލާރީ ހަމަޖައްސަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރެއާލް މެޑްރިޑްގެ ކޯޗުގެ ގޮތުގައި ވަގުތީ ގޮތުން ހަމަޖައްސާފަ ހުރި ސަންޓިއާގޯ ސޮލާރީގެ މަގާމު ދާއިމީ ކުރުމަށް ހަދާފައިވާ އެއްބަސްވުން ސްޕެނިޝް ފުޓްބޯލް އެސޯސިއޭޝަނަށް ލިބިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. ނަމަވެސް ރެއާލްއުން މިކަމައި މެދު އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ރެއާލްގެ ކޯޗުކަން ވަގުތީ ގޮތުން ސޮލާރީއައި ހަވާލުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ޓީމުގަ އޭރު ހުރި ކޯޗު ލޮޕެޓޭގީ މަގާމުންވަކި ކުރުމަށް ފަހުގައެވެ.
ސްޕެނީޝް އެފްއޭގެ ގަވައިދުތަކުގައިވާ ގޮތުން ކޯޗުގެ މަގާމުގައި ވަގުތީ ގޮތުން މީހަކު ބެހެއްޓޭނީ ގިނަވެގެން ދެ ހަފްތާވަންދެނެވެ. މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ސޮލާރީގެ މަގާމު ދައިމީ ކުރަނީ ރެއާލްއުން ބޭނުންވާ ކޯޗު ނުލިބުމުގެ ސަބަބުންނެވެ.
ސޮލާރީގެ އިރުޝާދާއެކީ ރެއާލް މިހާތަނަށް ކުޅުނު ހަތަރު މެޗުވެސްވަނީ ކާމިޔާބުކޮށްފައެވެ. އެ ހަތަރު މެޗުގައި ރެއާލްއުންވަނީ 15 ގޯލު ޖަހާފައެވެ. އަދި ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ. މިއީ ކްލަބުގެ ތާރީހުގައިވެސް އެންމެ ރަނގަޅުކޮށް ފެށި ކޯޗުކަން ފާހަގަކޮށްލެވެއެވެ.
ކޯޗުކަމައި ސޮލާރީ ހަވާލުވިއިރު ރެއާލް އޮތީ ތާވަލުގެ ނުވަވަނައިގައެވެ. މިހާރު ރެއާލްއޮތީ ތާވަލުގެ އެއްވަނައިގަ އޮތް ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ހަވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް