ފޮޓޯއިން: ސުނާމީ ކާރިސާއަށް 21 އަހަރު، އެ ހަނދާންތަކާ ވަކިވުމެއް ނެތް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރުނީ އެވެ. މިއީ މި ފަހުން ދިވެހީން ތަޖުރިބާކުރި އެންމެ ހިތްދަތި ކާރިސާ އެވެ.
އިންޑޮނޭޝިޔާގެ ސްމަޓްރާއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އުފެދުނު ބޮޑު ސުނާމީގައި އެތައް ބަޔަކު މަރުވި އެވެ. ސުނަމީގެ އަސަރު 14 ގައުމަށް ކުރި އެވެ. އެ ގައުމުތަކުން 230،000 މީހުންގެ ފުރާނަ ގެއްލުނެވެ.
އެ ހާދިސާގައި ނިސްބަތުން އެންމެ ބޮޑު ގެއްލުމެއްވީ އެއް ގައުމަކީ ރާއްޖެ އެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކުރި އެވެ. އަދި މި ހިތާމަވެރި ކާރިސާގައި، 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވެ އެވެ. 15000 މީހުންގެ ގެދޮރު ގެއްލުނެވެ.
މި ހާދިސާއަށް 21 އަހަރުވީ އެ ހަނދާންތަކާއި ވަކިވުމެއް ނެތެވެ. މިއަދު އެތައް ބަޔަކު ގެންދަނީ އެ މީހުންގެ ކެމެރާތަކާއި ފޯނުތަކުން ނަގާފައިވާ އެ ދުވަހުގެ އެކި ހަނދާންތައް ހިއްސާކުރަމުންނެވެ.





ސުނާމީ ކާރިސާގައި 13 އަތޮޅެއްގެ 28 ރަށަކުން މީހުން މަރުވި އެވެ. އަދި ތިން ރިސޯޓަކުން ހަތަރު ފަތުރުވެރިއަކު މަރުވެފައިވެ އެވެ.
އެންމެ ގިނަ ބަޔަކު މަރުވީ ތ. ވިލުފުށިންނެވެ. އެ ރަށުން 15 މީހުން މަރުވެ، ތިން މީހަކު ގެއްލުނެވެ. ކޮޅުފުށިން ވަނީ 10 މީހަކު މަރުވެފަ އެވެ. ހަ މީހަކު ގެއްލުނެވެ.





އެ ދުވަހު ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި އޯގާތެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަ ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް