ރައީސް ޔާމީންއަށް ވާނުވާ ޖަހާފައި ޖަލަށް ނުލެވޭނެ: ގާސިމް
ޝަރީއަތް ނިމެންދެން، ނުވަތަ ވާނުވާއަށް މުއްދަތު ޖެހުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ނުބެހެއްޓޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ހެންވޭރު އުތުރަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ރައީސް ޔާމީން ވަގުުތުން ދޫކޮށްލުމަށް ގޮވާލާފައެވެ.
ގާސިމް ވިދާޅުވީ މިއަދު ވެރިކަން ކޮށްފައިވާ ފަރާތްތައް ޖަލަށްލުމަކީ ސަގާފަތަކަށް ވެފައިވާކަމަށާއި އިންޓެލިޖެންސް ރިޕޯޓް ހަަދަނީ ކިހިނެއްކަން ޚުދު އެމަނިކުފާނަށްވެސް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓްއޭ ބުނުމަށްފަހު ކޯޓުތަކުން ހުކުމްކުރާތީ ހިތާމަކުރާކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް މިރޭ ވަނީ ވާނުވާ ޖެހުމަށްފަހު ރައީސް ޔާމީން ޖަލަށްނުލެވޭނެކަމަށް ވިދާޅުވެ، އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އަދި އަދުލު އިންސާފަކީ އެންމެންނަށް ހަމަހަމަކޮށް ލިބެންޖެހޭނެއެއްޗެއްކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް