ގާނޫނުގެ އެންމެ އަކުރަކަށްވެސް ފުލުހުން އިހުމާލުނުވާނަން: ސީޕީ ހަމްދޫން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ އެންމެ އަކުރަކަށް ވެސް ދިވެހި ފުލުހުން އިހުމާލު ނުވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވެއްޖެއެވެ.
ހަމްދޫން މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖެއްގައެވެ. ހަމްދޫން ވިދާޅުވީ ދިވެހި ފުލުހުންނަކީ ރައްޔިތުންނަށް ބޭނުންވާ އަމާންކަމާއި ރައްކާތެރިކަން ހޯދައިދިނުމުގެ ޤައުމީ ވާޖިބު ކޮނޑުއަޅައިގެން ތިބޭ މީހުންކަމަށާއި، ޖުމްހޫރީ ވެރިކަމާއި ފުލުހުންނާ ސީދާ ގޮތެއްގައި ގުޅޭ އެންމެ ޚާއްޞަ އެއް ހައިސިއްޔަތަކީ މިއީ ކަމަށެވެ. އެބޭފުޅާ ވިދާޅުވީ ފާއިތުވި ދިގު މާޒީގައި ރާއްޖޭގެ ދާޚިލީ އަމްނު ޙިމާޔަތްކުރުމުގައި ދިވެހި ފުލުހުން އަދާކޮށްފައިވާ މުހިންމު ދައުރު އިޙްސާސްކުރުމާއެކު، މުސްތަޤުބަލުގައި ފުލުހުން އަދާކުރާން އޮތް މަސްއޫލިއްޔަތާ މެދު ފިކުރު ހިންގައިލުން އެއީ މިއަދު ބޭނުންތެރިކަމެއްގެ ގޮތުގައި ދެކިލައްވާ ކަމަށެވެ.
އަދި ދިވެހިރާއްޖެ އެކި ގޮތްތަކުން ތަރައްގީވެ، ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރަޓިކް ނިޒާމަކަށް ބަދަލުކޮށްފައިވާއިރު، ދިވެހި ފުލުހުންގެ ޒިންމާ އިންތިހާއަށް އިތުރުވެ އަދި ޚުތޫރަތްތެރިވާނެކަމަށް ހަމްދޫން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ މިއާއިއެކު ފުލުހުންނަށް ބޭނުންވާ ޤާބިލުކަން އެތައް ގުނަޔަކަށް އިތުރުވާންޖެހޭކަމަށް ހަމްދޫން ވަނީ ވިދާޅުވެފައެވެ.
ދިވެހި ފުލުހުން އަބަދުވެސް ހިންމަތްކުރަނީ ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކޮށް، ފުރިހަމައަށް މަސްއޫލިއްޔަތު އުފުލައި، އަމާން ޞުލްޙަވެރި ތަހުޒީބު ވެށްޓެއް ޤާއިމުކުރުމަށް ކަމަށް ހަމްދޫން ވަނީ ބަޔާންކުރައްވާފައެވެ.
"އެހެންކަމުން މިއަދު ދިވެހި ފުލުހުން ރައްޔިތުންނަށް އަރުވާ ޔަޤީން ކަމަކީ ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ޤާއިމުކުރުމުގައި ދިވެހި ފުލުހުން ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދޭނެކަމެވެ. ޤާނޫނުގެ އެންމެ އަކުރަކަށް ވެސް ދިވެހި ފުލުހުން އިހުމާލު ނުވާނެކަމެވެ. މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ދެމެހެއްޓުމުގައި އުފުލާ ކޮންމެ ފިޔަވަޅެއް އަޅާނީ ސާބިތުކަމާއެކު ސީދާ ކުރިޔަށް ކަމެވެ"، މެސެޖް ނިންމަވާލައްވަމުން ހަމްދޫން ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް