މާފުށި ސިއްހީ މަރުކަޒުގެ ހިދުމަތް ރަގަޅު ކުރުމަށް ގޮވައިލައި މުޒާހަރާކޮށްފި
ކ. މާފުށި ސިއްހީ މަރުކަޒުގެ ހިދުމަތް ރަގަޅުކުރުމަށް ގޮވާލައި އެރަށުގެ ޒުވާނުންތަކެއް މުޒާހަރާ ކޮށްފިއެވެ.
މާފުށީގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް ގޮވާލައި މިއަދު މުޒާހަރާ ކުރި އިރު އިއްޔެ ވަނީ އެރަށުގައި މޫދަށް އެރުނު ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެފައެވެ.
މާފުށި ކައުންސިލުން ބުނީ ރަށުގެ އާބާދީގައި ގާތްގަނޑަކަށް 2000 މީހުން އުޅޭއިރު ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ފަސް ހާހާއި ހަތް ހާހާއި ދެމެދަށް އަރާފައިވާކަމަށެވެ. އޭގެ ތެރޭގައި ބިދޭސީންނާއި ކޮންޓެކްޓް މަސައްކަތް ކުރާ ފަރާތްތައް ވެސް ހިމެނޭ ކަމަށް ބުންޏެވެ. އަދި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ގިނަކަން ފާހަގަކޮށް ކައުންސިލުން ބުނީ، ރަށުގައި ސިއްހީ ހިދުމަތް އެންމެ އެދެވޭ ގޮތެއްގައި ނުދޭ ކަމަށެވެ. ދިރިއުޅޭ މީހުންގެ ނިސްބަތަށް ބަލާއިރު ހިދުމަތުގެ ފެންވަރު ދަށްވުމުން ސަރުކާރާއި ކައުންސިލުން ވެސް މަޝްވަރާކޮށްފައިވާނެ ކަމަށް ބުންޏެވެ.
މާފުށިން ވާހަކަދެއްކި މީހަކު ބުނީ، ކޮންމެ ދުވަހަކުވެސް އެތައް ރައްޔިތުންނެއް މާފުއްޓަށް ޒިޔާރަތްކުރާއިރު ސިއްހީ ހިދުމަތުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް ރަގަޅުނުވާތީ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން މިއަދު ރަށުގެ ޒުވާނުން ނުކުމެ ސުލްހަވެރި އިހުތިޖާޖެއް ކުރި ކަމަށް އެނާ ބުންޏެވެ.
މާފުއްޓަކީ ގެސްޓް ހައުސް ވިޔަފާރީގައި އެންމެ ގިނައިން ދައުލަތަށް ޓެކްސް ދައްކާ ރަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް