ރާއްޖޭގައިތިބި އިންޑިޔާ ސިފައިންގެންދާނަމަ އަގެއް ދައްކަންޖެހޭނެ- އިންޑިއާގެ އެނަލިސްޓުން
ރާއްޖޭގައި އެންމެފަހުންބޭއްވި ރިޔާސީ އިންތިޚާބު ގާތްވެގެންއައި އިރު ދިވެހި ރާއްޖޭގެ ވާހަކައަކީ އިންޑިޔާގެ މީޑިޔާގައި ހޫނުކޮށް ހިގަމުންދިޔަ ބަހުސެކެވެ. އޭގެފަހުންވެސް ހިގައެވެ. އޭގެތެރެއިންވެސް އިންޑިޔާގެ ގާނޫން ހަދާ މަޖިލީހުގެ މަތިގޭގެ ދަށުން އޮޕަރޭޓްކުރާ ރަޖްޔަ ސަބާ ޓެލެވިޒަންގެ ބަހުސްތައް ފާހަގަކުރެވެއެވެ. މިއީ އާދައިގެ ޕްރައިވެޓް ޗެނެލެއްނޫނެވެ. އިންޑިޔާގެ ގާނޫން ހަދާ މަޖިލީހަށް ނުވަތަ އިންޑިޔާގެ ދައުލަތް ހިންގުމުގެ އެންމެ މަތީ ބާރަށް ނިސްބަތްވާ ޓީވީ ޗެނެލެކެވެ.
ރާޖްޔަ ސަބާގެ ބަހުސްތަކުން ދިވެހި ރާއްޖެއާމެދު އިންޑިޔާ ދެކޭގޮތް ދޭހަކޮށްދެއެވެ. އަދި އެބަހުސްތަކުން އިންޑިޔާގެ އެކުވެރި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އަންނާނެވަގުތަކަށް ބަލަބާތިބިކަންވެސް ބުނެދެއެވެ.
ބަހުސްތައް އަޑުއަހާލުމުން އިންޑިޔާގެ ގައުމީ ސަލާމަތާއިގުޅޭކަމަކަށް ދިވެހި ރާއްޖެ ހަދައިގެން އުޅޭކަން ވަރަށް ސާފުކޮށް އެގިގެންދެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ނޫސްތަކުގައި އިންޑިޔާގެ އަސްކަރީ ހެލިކޮޕްޓަރުތަކުގެ މައްސަލައެއް ފާހަގަކޮށްގެން އުޅުނަސް އިންޑިޔާގެ ސެކިއުރިޓީ އެނަލިސްޓުންގެ ނަޒަރުގައި ހެލިކޮޕްޓަރުގެ މައްސަލައަކީ މައްސަލައެއް ނޫނެވެ. އެމީހުންނަށް މައްސަލައަކީ ދިވެހި ރާއްޖޭގެ ބައިތިއްބާފައިތިބި އިންޑިޔާ ސިފައިން ރާއްޖެއިން ގެންދަންޖެހޭފަދަ ކަމެއް ދިމާވެދާނެތީއެވެ.
އިންޑިޔާގެ ސެކިއުރިޓީ އެނަލިސްޓުން ބުނާގޮތުގައި ދިވެހި ރާއްޖޭގެ އުތުރާއި ދެކުނުގައި އިންޑިޔާގެ ސަލާމަތީ ސިފައިންގެ މީހުން ބައިތިއްބާފައި އެބަތިއްބެވެ. ދެކުނުން އައްޑުއަތޮޅުގައެވެ. ލ އަތޮޅުގައިވެސް އިންޑިޔާގެ ސަލާމަތީ ސިފައިންގެ މީހުންތަކެއް ބައިތިއްބާފައި އެބަތިއްބެވެ. ބަހުސްތަކުގެތެރެއިން ބަހުސެއްގައި އިންޑިޔާގެ މެރިޓައިމް ސިކިއުރިޓީ އެކްސްޕާޓަކު ބުނެފައިވަނީ އިންޑިޔާއަށް މައްސަލައަކަށްވަނީ އުތުރާއި ދެކުނުގައި އިންޑިޔާގެ ސަލާމަތީ މީހުން ބައިތިއްބާފައި ތިބި އަތޮޅުތަކުގައި ޗއިނާއިން ހަރަކާތްތެރިވާން ފެށުމުންނެވެ. ޗައިނާއިން ދިވެހި ރާއްޖޭގައި ކުރާކަންތަކާއި އިންޑިޔާއިންކުރާ ކަންތައް ވަރަށް ތަފާތެވެ. މިއެނަލިސްޓުންގެ ނަޒަރުގައި ޗައިނާއިން ދިވެހި ރާއްޖެއައިސްއުޅެނީ އެއަރޕޯޓާއި ސީޕޯޓްފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިފައިގެން މަސައްކަތްކުރަންކަމަށްވިޔަސް މަސައްކަތްކުރަން އަންނަ މީހުންގެތެރޭގައި އިންޑިޔާއިންކުރާކަންތައްތަކަށް ފާރަލާ މީހުން ތިބޭނެއެވެ.
ކަނޑައެޅިގެން ޕްރޮޕެގެންޑާ ދޮގުތައްވެސް މިބަހުސްތަކުގައި ހަދަމުންގޮސްފައިވެއެވެ.
" ދިވެހި ރާއްޖޭގެ އުތުރުގައި ޗައިނާއިން ގާއިމުކޮށްފި މެރިޓައިމް އޮބްޒަވޭޓްރީއެއް. މިފަދަ އޮބްޒަވޭޓްރީއެއް ސައުތު ޗއިނާސީގައިވެސް ޗައިނާއިން ގާއިމުކޮށްފައިވޭ ތަފާތު ބޭނުންތައްކުރެވޭގޮތަށް. .ސިވިލިއަން އަދި މިލިޓަރީ އެކްޓިވިޓީގެގޮތުގައި" އިންޑީޔާގެ ގާނޫން ހަދާ މަޖިލީހުގެ ޓީވީ ބަހުސެއްގައި އިންޑިޔާ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްދިނުމަށް މައުލޫމާތު ފޯރުކޮށްދޭ ތިންކްޓޭންކްގެ އެކްސްޕާޓަކު ބުނެފައިވެއެވެ. " އިންޑިޔާއިން ވަރަށް ބޮޑަށް ޝައްކުކުރޭ މި އޮބްޒަވޭޓްރީ ބޭނުންކޮށްގެން އެއިޓް ޑިގްރީ ޗެނަލް އޮބްޒާވްކުރަންފަށާފާނެތީ. އެއީ މަލިކުން ފެށީގެން ދިވެހިރާއްޖެއާދެމެދު އޮތް ސަރަހައްދު. އިންޑިޔާއިން ސާފުކޮށްބުނެފައިވާނެ މިފަދަ އޮބްޒަވޭޓްރީއެއް ޗައިނާއިން ރާއްޖޭގެ އުތުރުގައިވެސް އަދި ދެކުނުގައިވެސް ހަދައިގެން ނުވާނެކަމަށް. އެއީ އުތުރާއި ދެކުނުގައި އަޅުގަނޑުމެންގެ ހެލިކޮޕްޓަރުތައް ހިގާތީ"
އިންޑިޔާގެ މިއެކްސްޕާޓުން ބުނާގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޕައިލެޓުންނާއި ސިފައިން ބައިތިއްބައިގެން ހެލިކޮޕްޓަރުތަކުން ބަލާބެލުންތަކުން އިންޑިޔާކަނޑުގައި ޗައިނާއިން އުޅޭނޫޅޭގޮތް ވަރަށް ރަނގަޅަށް އިންޑިޔާއަށް މޮނިޓަރކުރެވެއެވެ. ރައީސް އަބްދުﷲ ޔާމީން އިންޑިޔާ ސިފައިން ރާއްޖެއިން ދާން އެދުމުން އެކަންކުރަން އިންޑިޔާ ސަރުކާރުން ވަރަށް ބޮޑަށް ބޭނުންނުވާކަން ދިވެހިސަރުކާރަށް އަންގާފައިވާކަންވެސް މިއެކްސްޕާޓުންނަށް އެގެއެވެ. " ޔާމީން ބިރުގަނޭ އިންޑިޔާ ސިފައިން ތިބުމަކީ އޭނާގެ ސިޔާސީ މުސްތަގުބަލަކަށް ވަރަށް ނާޒުކް މައްސަލައަކަށް ވެދާނެތީ. އެއީ ނަޝީދަކީ އިންޑިޔާއާއި ގާތްބޭފުޅެއް"
އިންޑިޔާ ސިފައިން ދިވެހި ރާއްޖެއިން ގެންދާނަމަ އޭގެ އަގު ދިވެހިރާއްޖެއިން ދައްކަންޖެހޭނެކަމަށާއި އެފަދަ ސާފު އެންގުމެއް އިންޑިޔާ ސަރކާރުން ދިވެހި ރާއްޖެއަށް އަންގަންޖެހޭނެކަމަށް އެމީހުންދެކެއެވެ. އިންޑިޔާއިން ސީރިއަސް މެސެޖެއް ދޭންޖެހެއެވެ. ދިވެހި ރާއްޖެ އދގެ ސަލާމަތީ މަޖިލީހުގެ ވަގުތީ މެމްބަރަކަށް ވުމުގެ މައްސަލަދިޔަގޮތް އެމީހުން ފާހަގަކުރިއެވެ. ރާއްޖެއާއި އެއްކޮޅަށް ވޯޓްދޭނެކަމުގެ ޔަގީންކަން ލިޔުމުން ދީފައި އެންމެފަހުވަގުތު ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑޮނޭޝިޔާއަށް ވަޑައިގަތުމުން އިންޑިޔާއިން ވޯޓްދިންގޮތް ދިވެހިންނަށް އެގިގެންދާނެކަމަށް ބުންޏެވެ. އެހެންނޫނަސް އެމީހުންގެ ނަޒަރުގައި އިންޑިޔާ ބުނާގޮތް ނުހަދައި ރާއްޖެއާ އެއްކޮޅަށް ވޯޓްދޭންވީ ސަބަބެއްވެސް ނެތެވެ.
މިބަހުސްތަކުގެތެރޭގައި އެންމެފަހުން ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު އައިސް ދިވެހިރާއްޖޭގެ ސިފައިން ތަމްރީނުކުރުމުގައި އިންޑިޔާގެ މިލިޓަރީ އެހީ ހޯދާނެކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވުމުން ވަރަށް އުފާވެއްޖެކަމަށް ބައެއް އެކްސްޕާޓުން ބުނެފައިވެއެވެ. އެކަމަކު ޗައިނާ އެހާ ފަސޭހައިން އަދި ދުރުނުކުރެވޭނެކަން އެމީހުން ގަބޫލުކުރެއެވެ. ރާއްޖޭގައި 13 އެއަރޕޯޓެއް ހަދައިދޭން ޗައިނާއިން އެއްބަސްވެފައިވާކަމަށް ބުންޏެވެ.
" އުތުރުގައި މަލިކާއި އެންމެކައިރީގައިވާ އަތޮޅުގައި އެއަރޕޯޓްހަދަން ދޭއިރު އިންޑިޔާއިން އެއްޗެކޭ ނުބުނެ ތިބެއްޖެނަމަ އިންޑިޔާއަށް ސެކިއުރިޓީ ތްރެޓަކަށްވާނެ ވަރަށް ބޮޑު. ދެވަނަކަމަކީ ރާއްޖޭގައި ހައްދުފަހަނައަޅައިދިއުން އިތުރުވެގެންދާނަމަ އިންޑިޔާއަށް އޮތް ސެކިއުރިޓީ ތްރެޓް ބޮޑުކަން."
އެކަމަކު ފަރުވާތެރިވާންޖެހޭކަމަށް އިންޑިޔާގެ އެކްސްޕާޓުން ބުނެއެވެ. ކަންކަން ކުރަންވާނީ މަޑުމަޑުން އަވަސްއަރުވާލައިގެންނެއްނޫނެވެ. އެއީ ސްރީލަންކާގެ ސަރުކާރު ބަދަލުވެ އިންޑިޔާއާއި ޕްރޯސިޔާސަތެއް ގެންގުޅެފައި އެންމެފަހުން ޗައިނާ ބޭރުނުކުރާން ނިންމުމެވެ. އިންޑިޔާ މީހުން ބުނާގޮތުގައި ސްރީލަންކާ އެއަމަލުކުރީ އިންޑިޔާ ވަރަށް އަސަރުކުރިގޮތަކަށެވެ. ވިސްނަވާށެވެ. މިއީ އިންޑިޔާގެ ގާނޫން ހަދާ މަޖިލީހުގެ ޓީވީގައި ދިވެހިރާއްޖެއާމެދު ހިގަމުންދާ ބަހުސްތެކެވެ. އިންޑިޔާ ސިފައިންނާ ހެލިކޮޕްޓަރުތައް ބެހެއްޓުމުގެ ހަގީގީ މަގްސަދު ކިޔައިދެނީ އެމީހުން އަމިއްލައަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް