މެންހެޓަން ގްރޭންޑް ހޮޓެލްގެ މީޑިއާ ވިލޭޖު މިމަހު ނިންމަނީ
"މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ގްރައުންޑް ފްލޯގައި ތަރައްޤީކުރާ މީޑިއާ ވިލެޖުގެ އެންމެ ފަހުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން ބުނީ އަމާޒަކީ މިމަހުގެ ނިޔަލަށް މީޑިއާ ވިލެޖުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ. މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގެ މަސައްކަތްތައް ކަމަށްވުމުން މި މަޝްރޫޢުގެ ބޮޑުބައި މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަން ފާހަގަކުރެވެއެވެ.

މީޑިއާ ވިލެޖު ތަރައްޤީކުރަނީ "މެންހެޓަން ގްރޭންޑް ހޮޓެލް" ގެ ގްރައުންޑް ފްލޯގައި ކަމަށްވުމުން މި ސަރަޙައްދުގައި ކުރިއަށްދާ ފިނިޝިންގެ މަސައްކަތްތައް ނިމުމުން ކަނޑައެޅިފައިވާ ތާރީޚަށް މަޝްރޫޢު ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި ތަނުގައި ޖުމްލަ 34 ޖާގަ ހިމެނޭއިރު، މިއަހަރުގެ މެދުތެރޭގައި މީޑިއާތަކަށް މިތަނުގެ ބޭނުން ހިފުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.
މީޑިއާ ވިލެޖު ގާއިމުކުރަނީ ހުޅުމާލޭގައި ކުރިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފަށާފައިވާ އިމާރާތުގައެވެ. "މަންހަޓަން ގްރޭންޑު" ގެ ނަމުގައި މި އިމާރާތް އަލުން ތަރައްޤީކުރާއިރު، މީޑިއާ ވިލެޖުގެ އިތުރުން ޔޫތު ސެންޓަރަކާއި، މެޑިކަލް ކޮލެޖެއްގެ އިތުރުން ތަރިކަ ކޮލެޖެއްވެސް އެ އިމާރާތުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް