މައުންޓް އިބޫ ގޮވުން-- ފޮޓޯ: ރޮއިޓާސް
މައުންޓް އިބޫ ގޮވުން-- ފޮޓޯ: ރޮއިޓާސް
ދުނިޔެ 20 May 2024 | 10:28

އިންޑޮނޭޝިއާގެ ފަރުބަދައެއް ގޮވާތީ އެހިސާބާއި ކައިރީގައި ހުރި 7 އަވަށަކުން މީހުން ހުސްކޮށްފި

އިންޑޮނޭޝިއާގެ ހަލްމަހެރާގައި ހުރި އަލިފާން ފަރުބަދައެއް ގޮވާތީ އެހިސާބާއި ކައިރީގައި ހުރި 7 އަވަށަކުން މީހުން ހުސްކޮށްފިއެވެ.

ހަލްމެހެރާގައި ހުންނަ މައުންޓް އިބޫ މިދިޔަ ހޮނިހިރު ދުވަހު ގޮވާފައިވާއިރު، އޭގެ އަޅިތައް 4 ކިލޯމީޓަރަށް ވުރެ ދުރަށް ބުރައިގެން ގޮސްފައިވާ ކަމަށް އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އެކަމާއި ގުޅިގެން އެ ސަރަހައްދާއި ކައިރީގައިވާ އަވަށްތަކުން މީހުން ހުސްކުރުމަށްޓަކައި އެގައުމުގެ ފުލުހުންނާއި އަސްކަރިއްޔާ އަދި ސާޗް އެންޑް ރެސްކިއު އޮފިޝަލުން ހިމެނޭ ޓީމެއް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ އެޖެންސީން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވަމުން އަންނަ އިރު، އެ އަވަށްތަކުގެ މީހުން ޕިކަޕާއި އެނޫންވެސް އުޅަނދުތަކުގައި އެ ސަރަހައްދު ދޫކޮށް ދިޔުމަށް ވަނީ މިސްރާބު ޖަހާފައެވެ.

މި ހާދިސާއާއި ގުޅިގެން ސަރަހައްދު ދޫކޮށް ގޮސްފައިވަނީ ކިތައް މީހުންކަން ޑިޒާސްޓާ އެޖެންސީން ހިއްސާނުކުރި ނަމަވެސް، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް އެ ފަރުބަދަ އާއި 7 ކިލޯމީޓަރު ކައިރީގައި އުޅެމުންދިޔަ ހުރިހާ ފަރާތްތައް އެހެންތަނަކަށް ބަދަލުކޮށްފައިވާކަމަށް ބުނެފައެވެ.

މައުންޓް އިބޫ ގޮވާފާނެ ކަމަށް ލަފާކޮށް، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އިންޑޮނޭޝިއާގެ ވޯލްކެނޮލޮޖީ އެޖެންސީން ވަނީ ވޮލްކޭނޯ އެލާޓް ލެވެލް އެންމެ މައްޗަށް ގެންގޮސްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް