ފޭސްބުކް އާއި އިންސްޓަގްރާމް
ފޭސްބުކް އާއި އިންސްޓަގްރާމް
ދުނިޔެ 28 Aug 2026 | 03:29

މެޓާގެ 18 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާއެކު ފުރާވަރުގެ ކުދިންނަށް ފޭސްބުކާއި އިންސްޓަގްރާމްގައި ގިނަ ލިމިޓްތަކެއް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ފޭސްބުކް އަދި އިންސްޓަގްރާމް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންނަށް ނަފްސާނީ އަދި އެކި ގޮތްގޮތުން ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެ އުފުލާފައިވާ ދައުވާތައް ހައްލުކުރުމަށްޓަކައި، ސޯޝަލް މީޑިއާގެ ބޮޑު ކުންފުނި މެޓާއިން 18 ބިލިއަން އެމެރިކާ ޑޮލަރު (13.3 ބިލިއަން އިނގިރޭސި ޕައުންޑް) ގެ ބޮޑު ސެޓްލްމަންޓް އެއްބަސްވުމަކަށް ބުދަ ދުވަހު ވަނީ ގޮސްފައެވެ.

މި އެއްބަސްވުމުގެ ދަށުން، މި ޕްލެޓްފޯމްތައް ބޭނުންކުރާ އެންމެ ހަގު އުމުރުފުރައިގެ ކުދިންނަށް ޚާއްޞަކޮށްގެން ގިނަ ބަދަލުތަކެއް ގެނައުމަށް މެޓާއިން ވަނީ ނިންމާފައެވެ. ބައެއް މާހިރުން ދެކޭގޮތުގައި މިއީ މާ ކުރިންވެސް އަޅަންޖެހިފައިވާ، ލަސްވެފައިވާ ފިޔަވަޅުތަކެކެވެ.

އަލަށް ތަޢާރަފުކުރާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ފުރާވަރުގެ އުމުރުގެ ކުދިންނަށް ދެ ޕްލެޓްފޯމް އެކުގައި ދުވާލަކު ބޭނުންކުރެވޭނީ ގިނަވެގެން 2 ގަޑިއިރު ކަމަށް ކަނޑައެޅުން ހިމެނެއެވެ. މިއީ އެ ކުދިންގެ އެކައުންޓްތަކުގައި އަމިއްލައަށް ސެޓްވާ (ޑިފޯލްޓް) އުސޫލެކެވެ. ނަމަވެސް، ޑައިރެކްޓް މެސެޖް (ޑީއެމް) ކުރުމުގައި ހޭދަވާ ވަގުތު މި ދެ ގަޑިއިރުގެ ތެރެއަކަށް ނުގުނޭނެއެވެ.

މީގެއިތުރުން، ދަންވަރު 12:00 އިން ހެނދުނު 06:00 އަށް އަދި ސްކޫލް އޮންނަ ދުވަސްވަރު ހެނދުނު 08:00 އިން މެންދުރުފަހު 15:00 އާ ދެމެދު އެއްވެސް ނޮޓިފިކޭޝަނެއް ނާންނަ ގޮތަށް މިއުޓް ކުރެވޭނެއެވެ. އަދި ޕޯސްޓްތަކާއި ކޮންޓެންޓްތަކަށް ލިބޭ 'ލައިކްސް' ތައް ވެސް ފުރާވަރު ކުދިންނަށް މުޅިން ނުފެންނަ ގޮތަށް ފޮރުވައިލެވޭނެއެވެ.

މި އައު ޚިދުމަތްތަކުގެ ތެރެއިން ގިނަ ކަންކަން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޑިފޯލްޓްކޮށް ނުވަތަ އިޚްތިޔާރީ ފީޗާއެއްގެ ގޮތުގައި ފުރާވަރު ކުދިންނަށް ލިބެން ފަށާނެއެވެ. އެހެންނަމަވެސް، ޕްލެޓްފޯމް ބޭނުންކުރަނީ ކުޑަކުދިންތޯ ދެނެގަތުމަށް މެޓާއިން އަޅާ އައު ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

މި ފިޔަވަޅުތައް ހަމައެކަނި އެމެރިކާގެ ބާޒާރަށް ހަނިވެފައި އޮންނާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެހެން ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީއެވެ. ނަމަވެސް މެޓާއިން ބުނަނީ، މި ބަދަލުތަކުގެ ހަގީގީ ފައިދާ ކުދިންނަށް ކުރާނީ އެހެން ވާދަވެރި ޕްލެޓްފޯމްތަކުން ވެސް މި އުސޫލުތައް ތަންފީޒުކޮށްގެން ކަމަށެވެ.

މިއީ ވަރަށް ވާދަވެރި ދާއިރާއަކަށް ވީނަމަވެސް، ސޯޝަލް މީޑިއާއިން ކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޑުއުފުލަމުންދާތީ، ޓިކްޓޮކް އަދި ސްނެޕްޗެޓް ފަދަ ވާދަވެރިންނަށް ވެސް މި މަގު ޚިޔާރުކުރަން މަޖުބޫރުވެދާނެއެވެ.

މިކަމާ ގުޅޭގޮތުން އިންސްޓަގްރާމްގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ އަދި ފަހުން އެ ކުންފުނީގެ ސިއްރުތައް ހާމަކުރި (ވިސްލްބްލޯވާ) އާޓޫރޯ ބޭހާރ ވިދާޅުވީ، މި ފިޔަވަޅުތަކުގެ އަސްލު ނަތީޖާ ފެންނާނީ އެކަމުގެ ސަބަބުން ކުދިންނަށް ހަގީގީ ރައްކާތެރިކަން ލިބިގެންދާ މިންވަރަކުން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް