އިމާރާތުން ވެއްޓެމުންދިޔަ ކުއްޖާ ހިފަނީ
އިމާރާތުން ވެއްޓެމުންދިޔަ ކުއްޖާ ހިފަނީ
ދުނިޔެ 05 Oct 2026 | 02:49

ހައިރާންކުރުވަނިވި މަންޒަރެއް: އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

އަޙްމަދު ރަޖަބް ނަމަކަށް ކިޔާ މި ޒުވާނާ އޭނާގެ ބައްޕަގެ ފިހާރަ ބޭރުގައި ހުއްޓައި ފެނުނީ ކައިރީގައި ހުރި އިމާރާތެއްގެ ދެވަނަ ބުރީގެ ބެލްކަނީން ކުޑަކުއްޖަކު ވެއްޓެން ދިޔަ މަންޒަރެވެ. އެ ކުއްޖާ ބިމަށް ވެއްޓުމުގެ ކުރިން އިމާރާތުގައި އެލުވާފައި ހުރި އަންނައުނު އަޅުވާ ވާގަނޑުގައި އަޅައިގަތުމުން، ވެއްޓުމަށް ކުޑަ ވަގުތުކޮޅެއްގެ ލަސްވިއެވެ. އެ ހިނދުކޮޅުގެ ބޭނުން ހިފައި، ރަޖަބް ވަގުތުން ދުވެފައި ގޮސް، ކުއްޖާ ބިމުގައި ޖެހުމުގެ ކުރިން އަތްދަނޑިމައްޗަށް ނަގައި ސަލާމަތްކުރިއެވެ.

ސީސީޓީވީ ވީޑިއޯއިން ފެންނަ ގޮތުގައި ކުއްޖާ ސަލާމަތް ކުރުމަށްފަހު، ރަޖަބް މައްޗަށް ބަލައިލުމަށްފަހު ކުއްޖާ ގޮވައިގެން ގޮސް މަގުމަތީގައި ހުރި ގޮދަޑިއެއްގެ މަތީގައި އިށީނދެލައެވެ.

މި ހާދިސާއާ ގުޅިގެން މީޑިއާއަށް މަޢުލޫމާތު ދެމުން ރަޖަބް ބުނީ، އޭނާއަށް ހަޅޭކުގެ އަޑު އިވިގެން ބަލައިލިއިރު ކުއްޖާ ވާގަނޑުގައި އަޅައިގަނެފައި އޮތް މަންޒަރު ފެނުނު ކަމަށެވެ. އަދި އެ ވަގުތު ވިސްނާނެ ނުވަތަ ޖެހިދާނެ ނުރައްކަލަކަށް ބަލާނެ ވަގުތެއް ނެތް ކަމަށާއި، ހަމައެކަނި އޮތް އަމާޒަކީ އެ ކުއްޖާ ބިމުގައި ޖެހުމުގެ ކުރިން ސަލާމަތްކުރުން ކަމަށެވެ. ނަމަވެސް އެ ކުއްޖާ ސަލާމަތްވުމަށްފަހު ވަރަށް ބޮޑަށް ހާސްވެ، ބިރުގަތް ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ރަޖަބް ވަނީ ބެލެނިވެރިންނަށް މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެގޮތުން ބެލްކަނީ ކައިރީގައާއި ކުޑަދޮރުތައް ކައިރީގައި ގޮނޑި ފަދަ ތަކެތި ނުބެހެއްޓުމަށާއި، ކުޑަކުދިން އެފަދަ ތަންތަނަށް އެކަނި ދޫނުކުރުމަށް އޭނާ އެދުނެވެ.

މިޞްރުގެ ޢާންމުންނާއި މީޑިއާތަކުން ދަނީ ރަޖަބްގެ މި ހިތްވަރުގަދަ ޢަމަލަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް، އޭނާއަކީ "ބަޠަލެއް" ގެ ގޮތުގައި ސިފަކުރަމުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް