ފަސްޓް ޑިގްރީއަށް ހިލޭ ކިއެވުން - ބޮޑުތަނުން ސުކުރު ޙައްގު
ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މިކަން އިފްތިތާޙްކޮށްދެއްވީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ސަރުކާރުގެ ދެ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި، މުޅިން ހިލޭ ކިޔެވުމުގެ އިންތިޒާމު، މިއަދުން ފެށިގެން ހަމަޖެހިގެންދާނެކަމަށެވެ. އަދި އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށް މަތީ އިންސައްތައެއްވެސް ދައުލަތުން ދައްކައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ސްކީމްގެ ދަށުން ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ، ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް، މި އުޞޫލާ އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މިރަސްމިއްޔާތުގައި އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ދެ ޔުނިވަރސިޓީ އާއި އަމިއްލަ ކޮލެޖްތަކުގައި، މިހާރުވެސް 8،000 އަށް ވުރެ ގިނަ ދަރިވަރުން، ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ދާކަމުގައެވެ އެގޮތުން ހިލޭ ކިޔެވުމަށް މިއަދު މި ހުޅުވައިލި ފުރުޞަތާއެކު، މި ޢަދަދު 9،000 އާއި 10،000އާ ދެމެދުގެ ޢަދަދަކަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވެސް މިހާރު ވަރަށް ބޮޑެތި ލުއިތަކެއް ހަމަޖައްސަވައިދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި އެ ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް، ތިނެއް އިންސައްތައަށް ކުޑަކޮށް، ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކޮށްދީފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް