މީސް މީޑިއާ ބޭންކުރާ ގާނޫނާ ދެކޮޅަށް މައްސަލަ ހުށަހެޅި ދެކުދިން: ފޮޓޯ/ ބީބީސީ
މީސް މީޑިއާ ބޭންކުރާ ގާނޫނާ ދެކޮޅަށް މައްސަލަ ހުށަހެޅި ދެކުދިން: ފޮޓޯ/ ބީބީސީ
ދުނިޔެ 27 Nov 2025 | 03:44

16 އަހަރުން ދަށަށް މީސްމީޑިއާ މަނާ ކުރާތީ އޮސްޓްރޭލިއާގެ ދެ ކުދިން ކޯޓަށް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، ގައުމުގެ އެންމެ މަތީ ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ މި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ގާނޫނެއް ކަމަށާ، އޭގެ ސަބަބުން މިނިވަންކަމާއެކު މުޢާމަލާތްކުރުމުގެ ހައްޤު ނިގުޅައިގަންނަ ކަމަށް ބުނެ މައްސަލަ ހުށަހެޅީ ފުރާވަރުގެ ދެ ކުދިންނެވެ. އެއީ 15 އަހަރުގެ ނޯއާ ޖޯންސް އާއި މޭސީ ނޭލަންޑްއެވެ.

މި އަންނަ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާ މި ގާނޫނުގެ ދަށުން، މެޓާ، ޓިކްޓޮކް، އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ހިންގާ ކުންފުނިތަކުން އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް އެ ކުންފުނިތަކުގެ ޕްލެޓްފޯމްތަކުގައި އެކައުންޓް ހުޅުވިޔަ ނުދިނުމަށް ލާޒިމު ކުރެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތުން ބަލަމުން އަންނަ މި ގާނޫނު އެކުލަވާލާފައިވަނީ ކުޑަކުދިންނަށް ގެއްލުންދެނިވި ކޮންޓެންޓްތަކުންނާއި އެލްގޮރިތަމްތަކުން ރައްކާތެރިކުރުމަށް ކަމަށް ކެމްޕޭނުކުރާ ފަރާތްތަކާއި ސަރުކާރުން ގުޅިގެންނެވެ.

މި ގާނޫނާ ދެކޮޅަށް މައްސަލަ ހުށަހެޅި ދެކުދިން ބުނަނީ މިއީ ކުޑަކުދިންގެ ހައްޤުތަކަށް އެއްވެސް ބެލުމެއް ނެތި ނެރެފައިވާ ގާނޫނެއް ކަމަށެވެ.

"އަޅުގަނޑުމެން ހަނު ތިބެގެން ނުވާނެ. މިކަމާ އަޅުގަނޑު ބިރުގަނޭ،" މިސް ނޭލަންޑް ބުނެފައިވެއެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، ކޮމިއުނިކޭޝަންސް މިނިސްޓަރު އަނީކާ ވެލްސް ވަނީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ބިރުދެއްކިޔަސް ފަހަތަކަށް ނުޖެހޭނެ. ގާނޫނީ ގޮންޖެހުންތަކުންވެސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ. ބޮޑެތި ޓެކް ކުންފުނިތަކުންވެސް އަޅުގަނޑުމެންނަށް ބިރުދެއްކި. އެކަމަކު ފަހަތަކަށް ނުޖެހޭނެ. އޮސްޓްރޭލިއާގެ މައިންބަފައިންނަށްޓަކައި އަޅުގަނޑުމެން މިކަމުގައި ސާބިތުވެ ތިބޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވާކަން ބުދަ ދުވަހު އިއުލާންކުރީ ޑިޖިޓަލް ފްރީޑަމް ޕްރޮޖެކްޓް (ޑީއެފްޕީ) ނަމަކަށް ކިޔާ ހައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާއަކުންނެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި، ޒުވާނުންނަށް މައުލޫމާތު ހޯދުމަށާއި ގުޅުން ބަދަހިކުރުމަށް ސޯޝަލް މީޑިއާ މުހިންމު ދައުރެއް އަދާކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް