ދޮށީއުމުރުގެ މީހުނަށް ރައީސް ކަމަށް ކުރިމަތިލެވޭގޮތައް ގާނޫނު އަސާސީ އިސްލާހްކުރަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގާނޫނު އަސާސީ އަލުން އިސްލާހުކޮށް އުމުރުން 65 އަހަރުން މަތީ ފަރާތްތަކަށްވެސް ރައީސް ކަމަށް ކުރިމަތި ލެވޭގޮތަށް ހެދުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު މަގާމު ފުރުއްވަމުން ގެންދަވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އެ އިސްލާހު ހުށަހަޅަން ނިންމެވީ އެއްވެސް މީހަކަށް ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް އޮންނަން ޖެހޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާތީ ކަމަށް ފަލާހްވަނީ މީގެކުރިން ވިދާޅުވެފައެވެ.
ނަމަވެސް ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއިދާއެކު އެވެ.
މިހާރު ރާއްޖޭގައި އަމަލު ކުރައްވަމުން ގެންދަވާ ގާނޫނު އަސާސީއަށް 2008 ވަނަ އަހަރު ވުޖޫދަށް އައިއިރު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ވަކި ދޮށީ އުމުރެއް ކަނޑައަޅާފައެއް ނުވެއެވެ.
އެހެން ނަމަވެސް، 2015 ވަނަ އަހަރު ތެރޭގައި އުމުރުން 65 އަހަރުން މަތީ ބޭފުޅުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ގޮތަށް ވަނީ ގާނޫނު އަސާސީ އިސްލާހުކޮށްފައެވެ.
ޕީޕީއެމްގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއިދާއެކު ގާނޫނު އަސާސީއަށް މި އިސްލާހު ހުށަހަޅައި އެ އިސްލާހު ވަނީ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފައެވެ.
ގާނޫނު އަސާސީއަށް ގެނެވުނު މިއިސްލާހާއެކު 2018 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝައުގު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެފުރުސަތު ގެއްލުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް