ދަތުރުތަކަށް 29 މިލިޔަން ޚަރަދުކުރިޔަސް ސުވާލު އުފައްދާކަށް ނުޖެހޭ: ތަރުޖަމާނު
ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ކޮށްފައިވާ ރަސްމީ ދަތުރުތަކަށް 29.3 މިލިއަން ރުފިޔާ ޚަރަދު ކުރި ނަމަވެސް އެކަމާއި ބެހޭގޮތުން ސުވާލު އުފައްދަން ނުޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެފައި ވަނީ ދަތުރުތަކަށް ޚަރަދުކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުގެ ބޭރުން ނޫން ކަމަށާ، ސަރުކާރުގެ ދަތުރުތައް ކޮށްފައިވަނީ އެކަމަށް ކަނޑައަޅައިފައިވާ ބަޖެޓުގެ ތެރެއިން ގާނޫނުތަކާއި އެއްގޮތަށް ކަމަށެވެ.
އެހެންވެ ސަރުކާރުގެ ބޭފުޅުންގެ ދަތުރުތަކަށް 29 މިލިއަން ޚަރަދު ކޮށްގެން އެކަމާއި މެދު ސުވާލު އުފައްދަންޖެހޭ ވަރުގެ އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށް ހޫދު ވަނީ ވިދާޅުވެފައެވެ.
ހޫދު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ބޭރަށް ސަރުކާރުގެ ވަޒީރުން ދަތުރުކުރައްވަނީ ރާއްޖެއަށް ފައިދާ ހުރި ކަންތަކަށް މަގުފަހި ކުރެއްވުމުގެ ގޮތުން ކަމަށާއި އަދި އެކަމުގެ ނަތީޖާވެސް މިހާރު ފެންނަމުން އަންނަ ކަމަށެވެ.
އޭގޮތުން ދާދި ފަހުން އިންޑިޔާ ސަރުކާރާއި އެކު އެކުލަވާލި އެއްބަސްވުމާއި އަދި ރާއްޖެއަށް މިސަރުކާރު އައި ފަހުން ލިބިފައިވާ ބައިނަލްއަޤްވާމީ އެހީތައް ހޫދު ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް