ސަލަފްއަށް ފިޔަވަޅު އެޅުމާއި މެދު ގޮތެއް ނިންމާ ކޮމެޓީ ސިއްރުކޮށްފި
ޖަމްއިއްޔަތުލް ސަލަފްއާއި ދެމެދު ފިޔަވަޅު އެޅުމާއި ބެހޭގޮތުން ގޮތެއް ނިންމާ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
އެ ޖަމްއިއްޔާާއާއި މެދު ގޮތެއް ނިންމުމަށް ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގެ ތެރެއިން އެކުލަވާލެވުނު ސަބް ކޮމެޓީއަކަށެވެ. އެ ކޮމެޓީގެ މަސައްކަތްތައް އިއްޔެ ވަނީ ނިންމާލާފައެވެ.
މި ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް، އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
މި ސަބް ކޮމެޓީގެ ނިންމުމާއި މެދު ގޮތެއް ކަނޑައެޅުމަށް މިއަދު ވަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ސިއްރުކޮށްގެންނެވެ.
ސަލަފް ޖަމްއިއްޔާއާއި މެދު ރައްޔިތުންގެ މަޖިލީހުން އެޅުމަށް ވިސްނަމުންދަނީ ކޮން ފިޔަވަޅެއްކަން ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް މިއީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ އިހުތިސާސްގެ ބޭރުން، ދީނީ އިލްމުވެރިންނަށް ދަތިކުރުމަށް ކުރަމުންދާ މަސައްކަތެއްކަމަށްބުނެ ގިނަބަޔަކު ދަނީ މިކަމާއި ދެކޮޅަށް މީސް މީޑިޔާގައި އަޑު އުފުލަމުންނެވެ. އަދި އެ ޖަމްއިއްޔާާ އުވާލަން ޖެހޭކަމަށްބުނެވެސް ބައެއް ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ.
ފާާހަގަކޮށްލެވޭ ގޮތުގައި ޖަމްއިއްޔާތައް އުވާލުމުގެ ބާރު ލިބިގެންވަނީ ޔޫތު މިނިސްޓްރީއަށެވެ. އަދި ޓެރަރިސްޓް ޖަމާއަތްތައް ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުން ލަފާ އަރުވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް